ސަރުކާރުގެ ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަންކުރެވިފައިވަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށް ރައީސުލްޖުމްހޫރިިއްޔާގެ ނައިބް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޕީއެސްއެމުން ގެނެސްދޭ "52″ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެހެން ސިޔާސީ ވެރިންނަަށާއި ސަރުކާރުތަކަށް ކުރަން ނުކެރި ދޫކޮށްލާފައިވާ އެތައް ކަމެއް ހަމަމަގަށް އެޅުވުމަށް މި ސަރުކާރުން މަސައްކަތް ފެށީ ރައްޔިތުުންގެ ހެވާއި ލާބައަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ދެކޭތީއެވެ.
ނައިބް ރައީސް ވިދާޅުވިގޮތުގައި މިސަރުކާރުން ވެރިކަމާއި ހަވާލުވީއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހިންގުމަށް ދަތިވާ މިންވަރަށް ދަރަނި ނަގާފައި ހުރުމެވެ. އެހެންނަމަވެސް މިކަމުގައި ސަރުކާރުން ކުރިއެރުންތައް ހޯދާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ސަރުކާރުން މަސައްކަތްކުރަމުންދަނީ ގައުމުތަކާ ގާތްގުޅުމެއް ބާއްވައިގެންކަންވެސް ފާހަގަކުރެއްވިއެވެ.
"ދަރަނި ދައްކަންހުރި ގައުމުތަކާއެކު ގުޅުންތައް ބަދަހިވެއްޖެ، ޚާރިޖީ ސިޔާސަތުގެތެރެއިން ވަރަށް ބޮޑެތި ލުއިތަކެއް ދަނީ ލިބެމުން، މިވެސް ކާމިޔާބީތަކެއް، މި ކާމިޔާބީތައް ލިބެމުންދަނީ އަޅުގަނޑުގެމެންގެ ޚާރިޖީ ސިޔާސަތުތަކުން، ދުނިޔެވެސް ބަލައިގަނެފި ރައީސްގެ ސިޔާސަތުތައް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފާހަގަކޮށްލެވޭ ސިފަފުޅަކީ، ކަންކަމާއި މަޝްވަރާކުރެއްވުމާއި ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލު ހޯއްދެވުންކަމަށެވެ.
"ކޮންމެ ކަމެއްގައިވެސް ވިސްނުން ހެޔޮ ބުއްދި އިސްކުރައްވާ، ކަމެއް ދިމާވިޔަސް މަޝްވަރާކުރައްވާނެ، އެހެންކަމުން އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ، ކެބިނެޓުގެ ލަފާފުޅުތައްވެސް އަބަދުވެސް ހޯއްދަވާ،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށި، ރައްޔިތުންނަށް ބޮޑު ހައްލެއް ލިބިގެންދާނެ، ބަޖެޓުގެ ބޮޑު ބައި އޮތީ އެކަމަށް ހައްލު ހޯދުމަށް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ އިޖުތިމާއީގޮތުން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށްވެސް ދާއިމީ ހައްލުތަކެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން މިގެންނަ ބަދަލުތަކާއެކު ގައުމުގެ މިސްރާބު ހުރީ އެމަގުން ކަން ނައިބު ރައީސް ޙުސައިން މުހައްމަދު ލަތީފް ފާހަގަކުރެއްވިއެވެ.