އެމްޑީޕީ ސަރުކާރުން ގޯތިތައް ކަނޑައަޅާފައި ހުރީ އަރބަން ޕްލޭނިން މިންގަނޑުތަކާއި ހިލާފަށްކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖް “ރައީސް މުއިއްޒާއިއެކު 1” ގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ސަރުކާރުން ވެރިކަމަށް އައިރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރިކަމަށެވެ. އަދި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނުކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ހަފްތާ 14 ގެ ދަށުން ކުރި މަސައްކަތްތަކަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލު ހޯދުމަށްޓަކައި ކުރާ މަސައްކަތުގެ ފެށުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފާހަގަކުރެއްވީ، ގާނޫނުތަކަށް ބަދަލުތައް ގެނައުމަށް ކޮށްފައިވާ މަސައްކަތްތަކެވެ. މިނިސްޓަރު ވިދާޅުވީ 7 ގާނޫނެއް އެކުލަވާލާ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި ލުއި ލޯނުތައް ދިނުމާއި، ބިނާވެށި ގާނޫނަށް ގެނައި ބަދަލުތައް ފާހަގަކުރެއްވިއެވެ.
"އޭގެ އިތުރަށް އެންމެ ލުއި އިމާރާތުގެ ޕޯޓަލެއްވެސް އަޅުގަނޑުމެން ހަފްތާ 14 ގެ ތެރޭގައި ގާއިމްކޮށް، އެ ބޭނުން ކުރެވޭ ގޮތް ހެދިން. އެހެންވީމަ އެހުރިހާ ކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށް ނިންމި ކަންކަން،" ހައިދަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެކި ތަންތަނުން ދޫކޮށްފައިވާ ބިން އަދި ފްލެޓުތަކާއި ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ކޮށްފައި އޮތީ ޒިންމާދާރު ގޮތެއްގައި ނޫންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިވީ ވަރަށް ބޮޑަށް ތޮއް ޖެހޭހެން ގޯތިތައް ދޫކޮށް، ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި އޮތުމުންކަމަށެވެ. ގިރާވަރުފަޅަކީ ގުޅީފަޅުގެ ދެބައިކުޅަ އެއްބައި ސަރަހައްދެއް އޮތް ތަނެއްކަމަށާއި، ނަމަވެސް އެތަނުގައިވެސް 5،000 އެއްހާ ގޯތި އަތުރާލާފައި އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ގޯތިތައް އަތުރާފައި ހުރީ އަރބަން ޕްލޭނިންގެ މިންގަނޑުތަކާއި މުޅިން ހިލާފަށްކަމަށް ވިދާޅުވިއެވެ.
"ގޯތި އަތުރާލާފައޭ އަޅުގަނޑު މި ދެންނެވީ އެއްވެސް ކަހަލަ އަރބަން ޕްލޭނިން މިންގަނޑަކުން ރަނގަޅު ގޮތަކަށް ނޫނޭ އޮތީ. އެހެންވީމަ އަޅުގަނޑުމެންނަށް ޖެހުނު ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން އަރބަން ޕްލޭނިން މިންގަނޑުތަކުން ދޭން ޖެހޭ އެހެން ހިދުމަތްތަކަށްވެސް ޖާގަ އޮންނަ ގޮތަކަށް ޕްލޭންތަކެއް ހަދަން،" މިނިސްޓަރު ވިދާޅުވިއެވެ.
އެތަނެއްގައި ގާއިމްކުރަން ޖެހޭ އެހެން ހިދުމަތްތަކާއިއެކު، އަލުން ލޭންޑް ޔޫސް ޕްލޭން އެކުލަވާލިއިރު، ގިރާވަރުފަޅަށް 5،000 ނުފެއްތުނު ކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އެތަނުން ޖާގަ ނުލިބުނު ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ޖާގަ ލިބުންކަމަށެވެ.
މިތަންތަން ހުރީ ހިއްކަން ޖެހޭ ގޮތަށްކަމަށް ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ ރައީސް ވައުދަކީ ލިބިފައި އޮތް ތަނަކުން އެ ގޯއްޗެއް އެ ރައްޔިތަކަށް ދިނުންކަމަށެވެ.