އާސަންދަ އަދި އެންސްޕާގެ އިސްރާފު ހުއްޓުވައިފިނަމަ 500 މިލިއަނާ ގާތަށް ފައިސާ ސަލާމަތްކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަމީރު އެހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ރިފޯމްކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަ އަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެސްއޯއީ ރިފޯމްކުރުން މާ ބޮޑަށް ލަސްވެފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ އަހަރުތަކެއްގެ ކުރިން މާލީ ގަވާއިދުގެ ތެރެއިން މިނިސްޓްރީއަކުން ނުވަތަ ޑިޕާޓްމަންޓަކުން ހަރަދުކުރަން ޖެހިއްޖެނަމަ އެއީ އުނދަގޫ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެސްއޯއީތަކުގެ މައިގަނޑު ބޭނުމަކަށްވެފައި އޮތީ ހަރަދުކުރުން ކަމަށެވެ.
އޭގެ ބަދަލުގައި އެސްއޯއީތަކަކީ ޖަވާބުދާރީކޮށްގެން ހިންގޭ ކުންފުނިތަކަށް ބަދަލުކޮށްފައިވާ ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތުގައި އެއް މަސައްކަތްތަކެއް ކުރަމުންދާ ކުންފުނިތައް އެއްކޮށްލުމުން އޭގެ ނަތީޖާ ރަނގަޅުވެގެން ދާނެ އެވެ.
އެއަށް ފަހު މިނިސްޓަރު ވަނީ ސަރުކާރުން އާސަންދަ އަދި އެންސްޕާއަށް ގެންނަން ނިންމާފައިވާ ރިފޯމްއާ އެކު އަންނާނެ ބަދަލު ފާހަގަކުރައްވާފަ އެވެ.
"ހަގީގަތުގައި އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތަށް ބަދަލު ނައިސް ނޫނީ މާ ބޮޑު އެއްޗެއް ދައްކަން ނުޖެހި އެކަމަކު އަޅުގަނޑުމެން ކުރިން ދެންނެވިހެން ލީކޭޖް ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 500 މިލިއަނާ ގާތަށް އަޅުގަނޑުމެންނަށް ސޭވްކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރުވެސް އެބަ ދައްކާ [ހިސާބުތަކުން]."
އުމުރުން ދުވަސްވީ މީހުންގެ އެލަވެންސާއި ޕެންޝަނަށް ބަދަލު އަންނަ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަޖެޓްގައި ގެނެސްފައިވަނީ މިހާރު ޑަބަލް ޕެންޝަން ލިބޭ ސްކީމްތައް ރިފޯމްކުރުމުގެ ވާހަކަ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތައް ވަކިން ނެތްކަން މެންބަރުން ފާހަގަކުރަމުންދާތީ އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މަޝްރޫއު ލިސްޓެއް ބާއްވާ, ކުޑަ އަދަދެއް ޖަހާފައި މަޝްރޫއުތައް ފެށުމުން ކުރިއަށް ނުގޮސް, ހުންނަނީ ޕައިޕްލައިންގައި ކަމަށެވެ. އަދި ބަޖެޓް ނެތިގެން ނުވަތަ ކޭޝް ފްލޯ ނެތިގެންވެސް އެކަން ދިމާވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަހަރުތަކެއް ކުރިން އެމްޓީސީސީއަށް ކޮންމެ ދުވަހަކު މަޝްރޫއުތަކެއް ހަވާލުކުރެވުން ދިޔަކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ނިމިގެން ދިޔައިރު ފައިނޭންސް ކުރެެވޭނެ ގޮތެއް ނެތި އެމްޓީސީސީގެ ޕައިލްލައިންގައި 18 ބިލިއަން ރުފިޔާ އޮތް ކަމަށެވެ.
އެ ހުރިހާ ކަމަކަށް ބެލުމަށްފަހު މި ފަހަރުގެ ބޮޑަށް އިސްކަން ދީފައިވަނީ މަޝްރޫއުގެ ފައިސާ ހަމަޖެހިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށް ޒަމީރު ވިދާޅުވި އެވެ.