Ad

ޕެރޯލްގެ ގާނޫނުގެ ދަށުން 86 ގައިދީއަކު ޖަލުން ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިވީހާ ތަނަށް މާފުދީގެންނާއި ޕެރޯލްގެ ގާނޫނުގެ ދަށުން 86 ގައިދީއަކު ޖަލުން ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެ މައުލޫމާތު ހިއްސާކުރެއްވީ އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކި ވާހަކަފުޅުގަ އެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އެއް އަހަރު ތެރޭގައި ޖަލުން މިނިވަން ކުރި ގައިދީންގެ އަދަދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަލުން މިނިވަންކުރި ގައިދީންގެ އަދަދުގެ ހުރި ފަރަގު ރައީސް ވިދާޅުވެދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބާ ދިމާކޮށް 762 މީހުން ދޫކޮށްލި ކަމަށެވެ. އަދި 2021 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 458 ގައިދީން މިނިވަންކޮށްފައިވާއިރު، ޖެހިގެން އައި 2022 ވަނަ އަހަރު 256 މީހުން އަދި 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރު 429 މީހުން ޖަލުން ދޫކޮށްލާފައިވާ ކަމަށެވެ.

"މި އަހަރު ވެސް އޮތޭ އިންތިހާބެއްް، މަޖިލީސް އިންތިހާބު. އަޅުގަނޑުމެން އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ބަޔަކު މަގުމައްޗަށް ދުލެއް ނުކޮށްލާނަން. ޖުމްލަ 86 މީހުން ދޫކުރި،" ރައީސް ވިދާޅުވީ ސިޔާސީ ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން ހިދުމަތް ދެނީ ރައްޔިތުންނަށް ވިސްނައިގެން ކަމަށެވެ.

މި ސަރުކާރުން މިނިވަންކުރި ގައިދީންގެ ތަފްސީލު ރައީސް މުއިއްޒު ހިއްސާކުރައްވާފައިވާއިރު ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގަ އާއި އަދި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ޕްރޮގްރާމްތައް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރާ ފަރާތްތަކަށް، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ހުކުމަށް ލުއި ދިނުމާއި ހުކުމް މާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ރައީސް ވަނީ ދާދިފަހުން ނިންމަވާފަ އެވެ.

އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ހަވާލުކުރެވި، އެކަންކަން ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، އެކަންކަން ހާސިލްކުރެވޭ މިންވަރު ބެލުމަށް ވެސް ހަމަޖައްސަވާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *