އަޔަލެންޑާއި ޔޫކްރޭނަށް ކަނޑައަޅުއްވާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި

އަޔަލެންޑާއި ޔޫކްރޭނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ 2ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް އަޔަލެންޑާއި ޔޫކްރޭނަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ނަންތައް ފޮނުއްވާފައެވެ. އެގޮތުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ފޮނުއްވާފައެވެ.

އެކި ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަނީ ސަފީރުންގެ ގޮތުގައި މިހާރުވެސް ތިއްބަވާ ބޭފުޅުންގެ ތެރެއިންނެވެ.

ސަފީރު ގީލާ އަކީ ސިއްހީ އަދި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ފޮރިން ސާވިސްގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށްފަހު އޭނާ ވަނީ ޖެނީވާގައި ހުންނަ އދ.ގެ ރާއްޖޭގެ މިޝަންގެ ސަފީރުކަމާއި، ޗާޖް ޑި އެފެއާޒްގެ މަގާމު އަަދާކުރައްވާފަ އެވެ. އޭނާ ވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސާވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަގާމު ވެސް ފުރުއްވާފައެވެ.

ސަފީރު އިރުތިޝާމް އާދަމް ވަނީ ޑިޕްލޮމެޓް އަދި ސިޔާސީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. އެކަމަނާ ވަނީ ޖަރުމަނާއި، އިޓަލީ، ތުރުކީ އަދި ސުވިޒަލޭންޑްގެ އެމްބަސެޑަރުކަން ކުރައްވާފައެވެ. އަދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި 2013 ވަނަ ވަނަ އަހަރު ނައިބު ރައީސްކަން ވެސް ވަނީ ކުރައްވާފައެވެ.

ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވަނީ ތަޅުމަށް ހުށަހަޅާފައެވެ. އެ ކޮމިޓީން ވަނީ އިރުތިޝާމާއި ގީލާއަކީ މިހާރުވެސް ސަފީރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންކަމަށްވާތީ އެ ދެ ބޭފުޅުންގެ މަގާމުގެ ޝަރުތު ހަމަވާކަމަށް ނިންމައި ރުހުން ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *