ރާއްޖެއިން ސްރީލަންކާއަށް ބޭރުކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގާ ޓޭކްސް ރޭޓް ބޮޑުކޮށްފިއެވެ.
ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ، މިފިޔަވަޅު އެޅީ އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކަމަށެވެ.
އަދި މިދިޔަ މަހުގެ 27 ގައި އެޤައުމުގައި އަމަލުކުރަން ފެށި އާ ޓެކްސް ރޭޓާއިއެކު ރާއްޖެއިން އެޤައުމަށް ފޮނުވާ މަހުގެ އުފެއްދުންތަކުން ނަގާ ޓެކްސް ރޭޓް ބޮޑުކޮށްފައިވާ ކަމަށްވެސް އެޤައުމުން ބުނެއެވެ. މިދިޔަ މަހު އެޤައުމުން ޓެސްކް ރޭޓަށް ގެނައި ބަދަލާއިއެކު އެޤައުމަށް އެތެރެކުރާ މަސް ކިލޯއަކުން 200 ރުޕީސް ނުވަތަ 16.70 ރުފިޔާ ނަގާގޮތަށް ވަނީ ނިންމާފައެވެ.
އެހެން ޤައުމުތަކުން ލަންކާއަށް އެތެރެކުރާ މަހަށް ނަގާ ޓެކްސްއަށް ވުރެ ރާއްޖެއިން ލައްކާއަށް އެތެރެކުރާ މަހަށް ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ.
މިގޮތުން ރާއްޖެއިން އެޤައުމަށް އެތެރެކުރާ ލޯނުމަސް ކިލޯއަކުން 127 ރުޕީސް ނުވަތަ 10.60 ރުފިޔާ ނަގާއިރު، ހިކި މަސް ކިލޯއަކުން 302 ރުފީސް ނުވަތަ 25.21 ރުފިޔާ ނަގާ ގޮތަށް ވަނީ ނިންމާފައެވެ.
ސްރީލަންކާގައި ގިނަ އަދަދަކަށް ހިކި މަހުގެ ބާވަތްތައް އުފައްދާއިރު، ރާއްޖެއިން އެޤައުމަށް ގިނަ އަދަދަކަށް މަހުގެ އުފެއްދުންތައް ބޭރުކުރެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ އުފެއްދުންތަކުގެ ތެރެއިން 5 ވަނައަށް އެންމެ ގިނައިން މަސް ބޭރުކުރީ، ސްރީލަންކާއަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ އުފެއްދުންތަކުގެ ތެރެއިން 7 އިންސައްތަ މަސް ފޮނުވީ، ސްރީލަންކާއަށެވެ.
ސްރީލަންކާއަށް އެތެރެކުރާ މަހުގެ އުފެއްދުންތަކުގެ ޓެކްސް ރޭޓު ބޮޑު ކުރުމުން ރާއްޖޭގެ ބާޒާރުގައި ހިކި މަހުގެ އަގު ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖެއިން މަސް ބޭރުކުރާ ކުންފުނިތަކުން ބުނަނީ، މިހާރު އެހެން ޤައުމުތަކަށް މަސް ބޭރުކުރާއިރު ފްލައިޓްތަކުންނާއި، އެ ޤައުމުތަކުން ނަގާ ފީތައް ބޮޑުކުރަމުންދާތީ ކުންފުނިތަކަށްވެސް ގެއްލުންވަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ކުރިޔަށް ގެންދިޔުމަށް ކުންފުނިތަކަށްވެސް ދަތިވަމުންދާތީ، މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސްގަންނަން ދަތިވާ ކަމަށްވެސް ކުންފުނިތަކުން ބުނެއެވެ.
ރާއްޖޭ ބާޒާރުގައި މިހާރު ހިކިމަސް ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާއަށެވެ. މިދިޔަ މަހު 50 ރުފިޔާއަށް ހިކިމަސް ކިލޯއެއްގެ އަގުވެސް އަރައިގެން ދިޔައެވެ.