އިއްޔެ ބާޒާރުން ފިޔާ ހުސްވުމަށްފަހު މިއަދު ބާޒާރުން ފިޔާ ލިބެންފަށައިފިއެވެ.
މިއަދު ބާޒާރަށް ފިޔާ ނެރެ ވިއްކަމުންދިޔަ ނަމަވެސް މިއަދު ބާޒާރުގައި ފިޔާ ކިލޯއެއް އުޅެނީ 35ރ އަށެވެ. މޫސުމާ ގުޅިގެން އެމްޕީއެލް އިން ޕެރިޝެބަލް މުދާ ކްލިއާ ކުރުން ލަސްވެ، މާލޭގެ ބާޒާރުން އިއްޔެ ފިޔާ ހުސްވެފައިވަނިކޮށް މިއަދު އަލުން ބާޒާރަށް ފިޔާ ނެރެން ވަނީ ފަށައިފިއެވެ. އެގޮތުން ހޯލްސޭލް ކުރާ ފަރާތްތަކުން ފިޔާ ބަސްތާއެއް ވިއްކަމުންދަނީ 450ރ އާއި 500ރ އާއި ދެމެދުގެ އަގެއްގައެވެ.
ބާޒާރު ފިހާރަތަކުން ބުނީ އަގު މަތީގައި މިވަގުތު ހުރީ އަދިވެސް އެކަށީގެންވާވަރަށް ފިޔާ ގެ ސްޓޮކް ބާޒާރަށް ނުނިކުންނާތީ ކަމަށާއި، އެމްޕީއެލް އިން ކުލިއަރ ކޮށްގެން ފިޔާ ނެރެމުންދާވަރަކަށް އަގު ދަށަށްދާނެކަމަށް ބެލެވޭ ކަމަށެވެ.
ފިޔާ އަކީ އާންމުކޮށް 10ރ އާއި 15 ރުފިޔާ އާއި ދެމެދުގެ އަގެއްގައި އަބަދުވެސް ބާޒާރުން ލިބެން ހުންނަ އެއްޗެކެވެ. އިއްޔެ ބާޒާރުން ފިޔާ ހުސްވުމާ ގުޅިގެން އެސްޓީއޯއިން ވަނީ ފިޔާ ގެންނަން ނިންމައިފައެވެ. އެސްޓީ އޯއިން އަބަދުވެސް ޒަރޫރީ ކާބޯތަކެތި ލިބުން ދަތިވުމުން އެ ބާވަތުގެ ކާބޯތަކެތި ދަނީ އެރެކެކޮށް ބާޒާރަށް ނެރެމުންނެވެ.