Ad

އެންމެ ރަނގަޅު އިރުވަރުގައި "އިރުވަރު އޮންލައިން" ލޯންޗް ކޮށްފި

 

"އިރުވަރު" މިއީ ރަނގަޅު އިރުވަރެކެވެ. ރާއްޖެ އާއި ދުނިޔޭގެ ކަރަންޓް އެފެއާޒާއި ރިޕޯޓުތައް އޭގެ ފުރިހަމަ ވަގުތުގައި ތާޒާކަމާއެކު ކިއުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ. އިރުވަރުގެ މައިގަނޑު ވިސްނުމަކީ ހަބަރެއް ވިއަސް، ފޮޓޯއެއް ވިޔަސް، ރިޕޯޓެއްވިއަސް، ވީޑިއޯއެއް ކަމުގައިވިއަސް ވަށާ ޖެހޭ ވިސްނުމެއް އިރުވަރުގެ އަހުލުވެރިންނަށް ގެނެސްދިނުމެވެ. ތެދުވެރިވާނެއެވެ. އިހްތިރާމުކުރާނެއެވެ. ނުފޫޒެއްގެ ދަށެއް ނުވާނެއެވެ. ޒާތީއެއް ނުވާނެއެވެ. އަބުރު ރައްކާތެރިކުރާނެއެވެ. ޒާތީ ހައްޤުތަކުގެ އިންތަކަށް އިހްތިރާމް ދޭނެއެވެ.

ޚަބަރާއި ކަރަންޓް އެފެއާޒް

ރާއްޖެއާއި ދުނިޔޭގެ ޚަބަރުތަކާއި އެއިރެއްގައި އެންމެ ހިނގާ މުހިއްމު ކަންކަން ކިއުންތެރިންނާ ހަމައަށް ގެނެސްދޭނީ ތާޒާކަމާއެކު ފަސޭހައިން ދޭހަވާނެ ސާދާ ގޮތަކަށެވެ. މުޅި ދުނިޔެ ކިއުންތެރިންގެ ކުރިމަތީގައި ފެންނަން އޮންނާނެ އެވެ. މުޅި ރާއްޖެ ނިއުސްތަކުން ވަށާ ޖެހޭނެއެވެ. ވަކި ދާއިރާއެއް އުނި ނުވާނޭ ގޮތުގެ މަތިންނެވެ.

ރިޕޯޓް

މިއީ އިރުވަރުގެ އެންމެ މުހިއްމު އެއް ދާއިރާއެވެ. ގިނަ ކުރާނީ ދިރާސާ ރިޕޯޓުތަކެވެ. އިޖުތިމާއީ ދާއިރާ އާއި، ސިޔާސީ، އިޤްތިސާދީ، ފަރުދީ، ސިއްޚީ، ގުޑް ގަވަނަންސް، ޤާނޫނީ އަދި އަސާސީ ހައްޤުތައް ފަދަ މުހިއްމު ދާއިރާތައް ހިމެނޭނެއެވެ. ޝަރީއަތްތަކާއި ތަހުގީގީ އިދާރާތަކުގެ މަސައްކަތްތަކަށް އަބަދުވެސް ފާރަވެރިވާނެއެވެ. ސަރުކާރު ހިންގުމުގެ ވައްޓަފާޅި ބަދަލުކޮށް ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ލިޔާނެއެވެ. މަގު ދައްކާނެއެވެ. އިރުޝާދު ދޭނެއެވެ. ފާޑުކިޔާނެއެވެ. ހަގީގަތް ބުނެދޭނެއެވެ.

ކުޅިވަރު

ކުޅިވަރުގެ އާންމު ޚަބަރުތަކުގެ އިތުރުން ބޮޑަށް ބަލާނީ ކުޅުންތެރިންނާއި ކުޅިވަރުގެ ތަރިންގެ ޒާތީ ވާހަކަތައް ގެނެސްދިނުމެވެ. ދަނޑުން ބޭރުގެ ވާހަކަތައް ގެނެސްދިނުމެވެ. ޕްރޮފައިލްތައް ހެދުމެވެ. މީހުން ޝައުގުވެރިވާނެ ފަދަ އެންގަލްތަކުން ރިޕޯޓުތައް ގެނެސްދިނުމެވެ. ތަފާތު ވާނެ އެވެ. ތަފާތު ދައްކާނެއެވެ.

ވިޔަފާރި

އިރުވަރު ޓީމުން ބަލާނީ ވިޔަފާރިތަކަށް އެހީތެރިވެދޭނެ ބައެއްގެ ގޮތުގައި ދެމިތިބުމަށެވެ. އާންމު ޚަބަރުތަކުގެ އިތުރުން އިރުޝާދާއި މަގުދެއްކުމުގެ އާޓިކަލްތައް ފެންނާނެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހައްޤު މަގާމު ދޭނެއެވެ. ބޮޑެތި ވިޔަފާރިތަކަށް އިރުވަރުގެ ދާއިމީ އިހްތިރާމު އޮންނާނެއެވެ. ވިޔަފާރި އާއި އިގްތިސާދުގެ ހުރިހާ ދާއިރާވެސް މި ބައިގަ ހިމެނެމުންދާނެއެވެ.

ވާހަކަ

ވާހަކަތައް މުޅިން ތަފާތުވާނެއެވެ. ކޮންމެ ވާހަކައަކީވެސް ހަގީގީ ހާދިސާއެކެވެ. ބޮޑަށް ހުންނާނީ އިޖުތިމާއީ އެކިއެކި މައްސަލަތަކެވެ. ޝައުގުވެރި ވާހަކަތަކެއްގެ ގޮތުގައި އެކަންކަން މި ގެނެސްދެނީ މުޖުތަމައަށް އިބުރަތަކަށްޓަކައެވެ. ކިއުންތެރިންގެ ސަމާލުކަން އެކަންކަމަށް ހުއްޓުވާލުމަށެވެ. އިރުވަރު ތަފާތުވަނީ މިހެންވެއެވެ. މިއީ ޚިޔާލީ ކަމެއް ނޫނެވެ. ޚިޔާލީ ވާހަކަތަކެއް ނުހުންނާނެއެވެ.

ލައިފް ސްޓައިލް

ލައިފް ސްޓައިލުގެ ބޭނުމަކީ ކިއުންތެރިންނަށް ޝައުގުވެރި ލިއުންތަކެއް ދިއުމެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެއެވެ. މުނިފޫހި ފިލާނެއެވެ. މިބައިގެ ލިއުންތައްވެސް ތަފާތުވާނެކަން ޔަގީނެވެ.

އިންޓަވިއު

އިންޓަވިއުގެ ބޭނުމަކީ ފަރުދުންގެ ވާހަކަތައް އެމީހުން ބުނި ގޮތަށް، ބުނި އިބާރާތުން ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. މިކަމަށް ވަކި ދާއިރާއެއް ނެތެވެ. ހުރިހާ ދާއިރާއަކުންވެސް އިންޓަވިއުތައް ގެނެސްދޭނެއެވެ. ކުރިން ނޭނގޭ ވާހަކަތައް މި އިންޓަވިއުތަކުން ކިއުންތެރިންނާ ހަމައަށް ތިލަކޮށްލަދޭނެއެވެ. ޝައުގުވެރިވާނެކަން ޔަގީނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *