އަމިއްލަ ފާރާތަކަކުން ހިންގާ ކޮންސްޓްރަކްޝަން ކުންފުނި ފެޑޯ ޕްރައިވެޓް ލިމިޓެޑްއިން 55 މިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފެޑޯ ކުންފުނީގެ ބޮންޑަށް އިންވެސްޓުކުރުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ކޮންވެންޝަނަލް ފިކްސްޑް އިންކަމް އިންސްޓްރޫމަންޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި ބޮންޑުން އަހަރަކު 8.50 ޕަސެންޓުގެ އިންޓްރަސްޓްގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ އެވެ. މި ފައިދާ ލިބޭނީ އަހަރަކު ދެ ފަހަރު، 5 އަހަރުގެ މުއްދަތަކަށެވެ.
މިބޮންޑުގައި އިންވެސްޓް ކުރެވޭނެ އެންމެ މަދު އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 ބޮންޑު (ޖުމްލަ 10،000ރ.) އެވެ. އެ ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ޕްލެޓްފޯމް "ވިޔަނަ" މެދުވެރިކޮށެވެ. އެ ބޮންޑު އިޝޫކުރުމުގައި ޕްރިންސިޕަލް އެޑްވައިޒަރަކީ ދިވެހި އިންވެސްޓްމަންޓްސް އެވެ.