ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުންއަން އުރީދޫ މޯލްޑިވްސް އަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި، މި އިނާމު އެ ކުންފުންޏަށް ދިނީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުންނެވެ. އަދި މި އިނާމް އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީއާއި ޙަވާލުކޮސްދެއްވީ ރައީސް ޑރ މުއިއްޒު އެވެ.
މި އިނާމަކީ 2005 ވަނަ އަހަރުން ފެށިގެން ޓެލެކޮމިއުނިކޭޝަން ދާއިރާއިން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ދިވެހި ދައުލަތުން ދިން އެވޯޑެކެވެ. އެގޮތުން އުރީދޫއިން ގާއިމްކޮސްފައިވާ ދާހަގަކޮސްލެވޭ ހިދުމަތް ތަކުގެ ތެރޭގައި، 2006 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ގާއިމުކޮށް، ރާއްޖޭގެ ފުރަތަމަ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) އެ ކުންފުނިން ތައާރަފު ކުރި އެވެ.
އަދި އެސްއެސްއެމް ބޭސްޑް އިންފޮމޭޝަން ސާވިސް އާއި 2008 ވަނަ އަހަރު 3ޖީގެ ހިދުމަތާއި 2009 ވަނަ އަހަރު ވަޔާލެސް ބްރޯޑްބޭންޑް ފަދަ އާ ޓެކްނޮލޮޖީތައް ތައާރަފު ކުރި އެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އުރީދޫން ވަނީ، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ. އެގޮތުން، ޕްރީޕެއިޑް ބްރޯޑްބޭންޑް އަދި 3ޖީ މެދުވެރިކޮށް، ވީޑިއޯ ބްރޯޑްކާސްޓް ކުރުން ފަދަ އީޖާދީ ކަންކަން އެ ކުންފުނިން ތައާރަފު ކުރި އެވެ.