މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވާލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓަރީން ވަނީ މި މަހުގެ 23 ގެ ނިއަލަށް ހުޅުވާލާފައެވެ.
މި ޕޮރިގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުމާއި، އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުމާއި، މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުމެވެ.
3 މަސް ދުވަހަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދުމާއި، މަސައްކަތްތަކަށް ޒުވާނުން ނެރުންކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެއެވެ.