Ad
ރާއްޖެއާއި  އިންޑިއާއާ ދެމެދު 4 އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސްއޮފީސް
ރާއްޖެއާއި އިންޑިއާއާ ދެމެދު 4 އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސްއޮފީސް

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ރާއްޖޭގެެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ކޯޒްވޭތަކާއެކު ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ، މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު މިއަދު ސޮއިކުރި 4 އެއްބަސްވުމުގެ ތެރޭގައި އެމް.އޯ.ޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒް އެއްބަސްވުން ހިމެނެއެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި، ކޯޗުންނަށް ތަމްރީން ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހި ވެގެންދާނެއެވެ.

މިއަދު ދެން ސޮއިކުރީ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެއްބަސްވުމުގައެވެ. މި 2 މަޝްރޫޢަކީ، ހދ.ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި، އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ.

މި އެމް.އޯ.ޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1.7 މިލިއަން ރުފިޔާ އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7.9 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.

މިމަޝްރޫޢުތަކަކީ، މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *