Ad

ފުޓުބޯޅަ ކުޅުމާ ދުރުވެ ކީޕަރު އިމްރާން މަސްވެރިކަމުގައި!

ދިރިއުޅުމުގެ މައިގަނޑު މަސައްކަތަކީ މިހާރު ބޮޑު ކަންނެލީގެ މަސްވެރިކަން

އިމްރާން މުހައްމަދަކީ އެއް ފެންވަރެއްގައި ރާއްޖޭގައި އެންމެ ދިގު މުއްދަތެއްގައި މަތީ ފެންވަރުގެ ގޯލް ކީޕަރުކަން ކޮށްފައިވާ ހުނަރުވެރި، ހުލްގުހެޔޮ ޒުވާނެކެވެ. ޤައުމީ ޓީމާއި ކްލަބް ލެވަލްގައިވެސް އިމްރާން ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. އީގަލްސްގެ ފުޓުބޯޅަ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ލިބުމަކީ އިމްރާނު ޤައުމީ ޓީމަށް ހޮވުމުގެ އެންމެ ފުރަތަމަ ހަރުފަތެވެ. ޤައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށް ފަހު. މިހާރު އޭނާ ވަނީ ފުޓުބޯޅަ ކުޅުމާ ދުރުވެ، އިސްތިއުފާދީފައެވެ. އެހެންނަމަވެސް ފުޓުބޯޅައިގެ އާއިލާއާ ދުރަކަށް ނުދެއެވެ. މިހާރު ހަރަކާތްތެރިވަނީ ކޯޗަކަށެވެ. އެހެންނަމަވެސް ދިރިއުޅުމަށް އޭނާ މިހާރު ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. ޚާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. އަމިއްލަ މަސްދޯންޏެއްވެސް މިހާރު އެބައޮތެވެ. އިމްރާން ބުނާ ގޮތުގައި އޭނާ މަސްވެރިކަމުގެ ތެރެއަށް ވަނީ އެންމެ ކުޑަ އިރުއްސުރެ އޭނާގެ ބައްޕަ އޮޑިދޯނި ފަހަރު ދުއްވައި، މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ގެންދާތީއެވެ. އެއީ މަސްވެރި އާއިލާ އެކެވެ. ތިރީގައި މި ހިމަނާލަނީ އިމްރާން އިރުވަރު އޮންލައިނަށް ދީފައިވާ ޚާއްސަ އިންޓަވިއުއެއްގެ ހުލާސާއެކެވެ.

ކީޕަރު އިމްރާން ޤައުމީ ޓީމާ އެކު

އިރުވަރު: އިމްރާނަކީ ދިވެހ ފުޓުބޯޅައިގަ މުހިއްމު ނަމެއް. ފުޓުބޯޅައިން ރިޓަޔަރކުރުމުން ކުރެވޭ އިހުސާސަކީ ކޮބާ؟

އިމްރާން: ވަރަށް ދިގު މުއްދަތެއްގަ އެއް ފެންވަރެއްގަ ކުޅެވުމުން އުފާވޭ އަދި ގައުމަށް ރީތިނަން ހޯދަދެވިފައިވާތީ ވަރަށްއުފާވޭ.

ފުޓުބޯޅައިގެ ހަޔާތުގައި އިމްރާނު އެންމެ ހިތުގަ ޖެހުނު ހާދިސާއަކީ ކޮބާ؟

2000 ވަނަ އަހަރު ކުޅުނު ގޯލްޑަން ޖުބްލީ މުބާރާތުގެ ތަށި ނުލިބުން

ހަނދާނުން ފުހެ ނުލެވޭނެ ކަމަކީ ކޮބާ؟

2008 ގެ ސާފް ޗެންޕިއަންޝިޕް ތަށި ލިބުނު ލިބުން

ސާފްޗެމްޕިއަންޝިޕްގެ ތަށި އިމްރާން އުފުލާލަނީ

ފުޓުބޯޅައިގަ އެންމެ މަތީ ހަރުފަތަށް ދިއުމަށް ދަތުރުކުރި މަގު ކުރުކޮށް ކިޔާލަ ދީބަލަ؟

ރަށުގަ ސްކޫލް ނިންމާފައި ފުރަތަމަ ކުޅުނު ޒުވާނުންގެ މުބާރާތުގައި ކުޅުނު ޓީމް ގެ ކޯޗް އަދި ކުޅެން ދިޔަ އީގަލްސް ގެ ކުޅުންތެރިންނަށް ކުޅުން ކަމުދިޔައިމަ އެމީހުން އެދުނީ އީގަލްސް އަށް ކުޅެން އަންނަން. އައިސް އެ އަހަރު އީގަސް ފުރަތަމަ އެގާރައިން ޖާގަ ލިބި ރަނގަޅު ކުޅުމެއް ދެއްކުނީމަ ގައުމީ ޓީމް އިން ޖާގަ ލިބުމުން ހިތްވަރާ އެކު ކެނޑި ނޭޅި ކުރެވުނު ބުރަ މަސައްކަތުން މިހިސާބަށް އާދެވުނީ.

އިމްރާނާ ބެހޭގޮތުން 2002 ވަނަ އަހަރު ދުވަހުނޫސް ހަވީރުގައި ލިޔެފައިވާ ލިޔުމެއް

ކުޅިވަރުގެ ދާއިރާގަ އިމްރާނުގެ ރޯލް މެޑެލަކީ ކާކު؟ 

ވަކި މީހަކު އެހެން ނުހުރޭ ، ދިވެހި ރާއްޖޭގަ ކުޅުނު ކީޕަރުން

އިމްރާނު ދިރިއުޅުމަށް މިހާރު ކުރާ މަސައްކަތަކީ….!

މަސްވެރިކަމުގެ މަސައްކަތް

ތި މަސައްކަތް ކިހިނެއް ފެށުނީ؟

ބައްޕަ އަކީ މަހިބަދޫގައި ފާހަގަ ކޮއްލެވޭ ހީވާގި ކެއުޅެއް އަދި އޮޑިވެރިއެއް. ކުޑަ އިރުވެސް އަބަދުވެސް އުޅެވުނީ މަސްވެރިކަމުގަ. ބޭބެމެން ވެސް އުޅެނީ މަސްވެރިކަމުގައި. ގޭގައި މަސް ދޯންޏެއް ނޯންނަ ހަނދާނެއް ނުވޭ. ކުރިން ބައްފަ ގެންގުޅުނީ ރިސޯޓަށް ފަރުމަހަށް ދާ ދޯނި . ބައްޕަ ކަންނެލި ދޯންޏެއް ގަނެގެން ބޭބެމެން ދުއްވަން ފެށީމަ މާލެއިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަނީ އަހަރެން. ކުޅުން ނޯންނަ ދުވަހަކާ ދޯނި (މަސް) ކިރަން އަންނަ ދުވަހަކާ ދިމާވީމަ ދަން މަސްކިރުމާއި އައިސް އެޅުމުގައި ބައިވެރިވެލަން. ޗުއްޓީ ލިބުނީމަ ކަންނެއްޔަށް ވެސް ދަން. އަބަދުވެސް ވަރަށް އުއްމީދު ކުރި ދުވަހެއް އަމިއްލަ ދޯންޏެއް އޮތުން . އިރާދަފުޅުން މިއަދު އެކަން ހަގީގަތަކަށްވެއްޖެ އާއިލާގެ ހުރިހާ އެންމެންގެ އެހީތެރި ކަމާއިއެކު.

އިމްރާން ކަންނެލީގެ މަސްވެރިކަމުގައި

ހާދަހާ ތަފާތު ދެ ދާއިރާއެކޭ ތީ. ކުޅިވަރާ މިހާރު ތިކުރާ މަސައްކަތާ. ކިހިނެއް ދިރިއުޅުމުގެ ކަންކަން ތިގޮތަށް ތި ބަދަލުލޮށްލީ؟

ކުޅުނު އިރުވެސް މި ދާއިރާގެ ތެރޭގައި އުޅެވުނީ . އެހެންވީމަ ބަދަލެއް ކުރާކަށް ނުޖެހޭނެއްނު.

މުސްތަގުބަލުގައި އިމްރާނު ފެންނާނީ ހަމަ ތި މަސައްކަތުން އެކަނިތޯ؟

މިހާރުވެސް ހަމަ މިއުޅެނީ ފުޓްބޯޅަ ކޯޗިންގަ އުޅެމުންވެސް މި ކަމުގައިވެސް މި އުޅެނީ .

ރާއްޖޭގެ މިހާރުގެ ހާލަތު ސިފަކުރާނީ ކިހިނެއް؟

ހަމަ ގައިމުވެސް ހާލަތު ރަނގަޅެކޭ ނުބުނެވޭނެ.

ޒުވާން ކުޅުންތެރިންނަށް އިމްރާނު ދޭނެ ނަސޭހަތަކީ ކޮބާ؟

ހިތްވަރާއެކު މަސްއްކަތް ކޮށް ލިބޭ ފުރުސަތުގެ ބޭނުން ވިސްނުންތެރިކަމާއެކު ކުރުމަކީ މުހިއްމު ކަމެއް. އެތައް ގުރުބާނީއެއް ވެގެން ކާމިޔާބު ހޯދޭނީ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ އަޝްފާޤް، އިމްރާން މުޙައްމަދު އަދި އިބްރާހިމް ފަޒީލް . މިކުޅުންތެރިންނަކީ ނަމޫނާ ކުޅުންތެރިންކަމަށް ގިނަބަޔަކު އެއްބަސްވޭ

ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގު ސިފަކުރަނީ ކޮން ގޮތަކަށް؟

ދިވެހި އެންމެހާ ރައްޔިތުންގެ އެދުމަކީ މިހާރަށް ވުރެ ރަނގަޅުވުންކަން ޔަގީން . މުޅި ރާއްޖެއަށް އެންމެ މަތީ ފަންތީގެ މުބާރަތް ތައް ފުޅާވުމުން ރަނގަޅު ވާނެކަމަށް އުއްމީދުކުރަނީ

ކުޅިވަރުގެ ދާއިރާގެ ބެސްޓް ފުރެންޑަކީ ކާކު؟

މުހައްމަދު އުމެއިރު

ކިހިނެއް މިހާރު ދެމީހުންގެ ގުޅުން؟

ގުޅުން ރަނގަޅު. މިހާރު އެއީ ކުޅުންތެރިއެއް އަހަންނަކީ ކޯޗެއް ، އެހެންވީމަ ކުރިޔާ މިހާރާ ގުޅުން ތަފާތު ވާނެ

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *