ޗާގޯސް މައްސަލާގައި "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އިޢުލާނުކުރައްވައިފި އެވެ.
2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފަވާކަމަށާއި، އެ ނިންމުން ނިންމި މީހުންނާ ސުވާލުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާފައިވާނެ ކަމަށާއި، އަދި އެ މަސައްކަތަށް 3 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ ރިޕޯޓް 22 ޖަނަވަރީ 2026ވަނަ ދުވަހު، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެއާއެކު ކޮމިޓީއިން ހުށައެޅި ކަންކަން ހިމެނޭހެން ކެބިނެޓް ކަރުދާހެއް އެކުލަވާލާ 25 ޖަނަވަރީ 2026ގައި ހުށައަޅާފަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރިޕޯޓާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކެބިނެޓުން ނިންމާ، ޤާނޫނީ މާހިރުންގެ ލަފަޔާއެކު، ދިވެހި ރާއްޖެއިން އީއީޒެޑްއިން ދޫކޮށްލި ބައި ހޯދުމަށް ޤަނޫނީގޮތުން ކުރަންޖެހޭ ކަންކަން ފަށާފަވާކަމަށްވެސް މިއަދުގެ ހިތާބުގައި ރައީސް ވިދާޅުވިއެވެ.
އަދި 22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރައްވާ ކަން ވިދާޅުވެ ރައީސް ވިދާޅުވީ މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްސީޒެޑްއަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަންވެސް އިއުލާނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން އިއާދަނުކުރެވޭފަދަ ގެއްލުންތަކެއް އެ ސިޓީގެ ސަބަބުން ލިބިފަވާކަމަށް ލަފާ ލިބިފައިވާތީ، އެކަން ކުރި ފަރާތްތަކާއި ސުވާލުކޮށް، އެކަމުގެ ސަބަބުތައް ދެނެގަނެ، ޤާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒުގެ ހިތޯބުގައި ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް، ޤާނޫނު އަސާސީގެ 115ގެ މާއްދާގެ ދަށުން "ކޮމިޝަން އޮފް އިނކުއަރީ "އެއް އުފެއްދުމަށް ނިންމާފައިވާކަން އިޢުލާނުކުރަން މިއަދުގެ ހިތޯބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފޯޅަވަހި އޮންނަނީ މޮރިޝަސްއާއި ގާތްގަނޑަކަށް 1،300 މޭލު ދުރުގައި ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަން ކަމަށާއި، އެގޮތުން ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.
މީގެ އިތުރުން 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވާއިރު، މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ. ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.