މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާރު ކުރަމުންއަންނަ 2 ވަނަ ސެގްމަންޓް ގެ ގޮތުގައި ތަރައްގީކުރާ މާލޭ އުތުރުފަރާތު ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ އެ ސަރަޙައްދުގައި ތާރު އަޅުމުގެ މަސައްކަތް ރޭގައި ނިންމާފައިވާތީ އެ ސަރަޙައްދު އާއްމު ދަތުރުފަތުރަށް އަންނަ ހަފުތާގެތެރޭގައި ހުޅުވާލާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކޮށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ވަނީ ހަަމަޖެހިފައިވެއެވެ.
އަދި ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ވެގެންދާނެ އެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްޤީކޮށް ނިމޭއިރު ޒަމާނީ ބޮޑެތި ބަދަލުތަކެއް އެ ސަރަޙައްދަށް އަންނާނެއެވެ. އަދި ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް 6 މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް ވަނީ އިތުވެފައެވެ. މަގު ތަރައްޤީކޮށްފަވަނީ 4 ލޭނަށެވެ.