3 ކިލޯގެ ޑްރަގާއެކު ދިވެއްސަކާ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި ހިންގި އޮރަޝަނެއްގައި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ފުލހުން ބުނީ މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ވަނީ ފެނިފައިވާ ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ) އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށްވެސް ފުލހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.