ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބެންކް އޮފް މޯލްޑިވްސްއިން 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ދަނީ، މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
މިގޮތުން މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާއިން ހއ.، ހދ. މ. ފ. އަދި ދ. އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވުމަށް ހަމަޖެހިފައިވާ ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. އަދި މުސްތަޤްބަލްގައި އަތޮޅުތައް އިތުރުކުރުމަށް އާކްއިން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެބޭންކުން ބުނެއެވެ.
މިދިޔަ މެއި މަހުވެސް ބޭންކުން ވަނީ، ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އާކްއަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ 115 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.