އަހަރުގެ 3 މަސްތެރޭ ޓެކުހުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ދައުލަތަށް 2.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.8 ބިލިޔަން ރުފިޔާއާއެވެ.
އެހެންކަމުން މިއަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުހގައި ލިބިފައިވާ އަދަދު ވަނީ 18 އިންސައްތަ އިތުރުވެފައެވެ.
އެގޮތުން ކުންފުނިތަކާއި ވިޔާފާރިޔތަކުން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި 520 މިލިޔަން ރުފިޔާ އަދި އިންކަމް ޓެކުހުގެ ގޮތުގައި 150 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ.
މީގެ އިތުރުން ބޭންކްތަކަށް ލިބޭ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 490 މިލިޔަން ރުފިޔާ މި އައަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 159 މިލިޔަން ރުފިޔާއެވެ.