ފުލުހަކު ދުއްވި ޓެކްސީއަކުން އެއާޕޯޓް ސެކިއުރިޓީއެއްގައި ޖެއްސުމައްފަހު ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ އެއާޕޯޓްގައި މީހުން އެރުވުން މަނާ ސަރަހައްދަކުން ފުލުސް މީހާ ދުއްވި ޓެކްސީއަށް މީހުން އަރުވައިގެން ދަނިކޮށް ޓެކްސީ ހުއްޓަން އެއާޕޯޓް ސެކިއުރިޓީ އެ ފުލުސްމީހާއަށް އެންގުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އެވަގުތު އެ ފުލުސްމީހާވަނީ އެއާޕޯޓް ސެކިއުޓީގައި ކާރުން ޖައްސާ އެކްސިޑެންޓްކޮށް އެތަނުން ފިލާފައެވެ.
"މި މައްސަލަ ވަގުތުން އެއާޕޯޓް ޕޮލިސްއަށް އެންގި. ސީންވެސް ޕްރޮސެސްކުރި. ނަމަވެސް މައްސަލަ ރެކޯޑްވެސް ނުކުރި. ޓެކްސީ ދުއްވި ފުލުސްމީހާގެ ބޭބެއަކީ ހުޅުމާލޭ ޕޮލިހުގައި ވަރަށް އިސްކޮށް މަސައްކަތްކުރާ ބޭފުޅެއް. އެ ބޭފުޅާ މި މައްސަލައަށް ނުފޫޒުފޯރުވައިގެން މައްސަލަ އޮއްބާލީ." މައުލޫމާތު އެނގޭ އެއާޕޯޓްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

މީގެކުރިންވެސް މި ފުލުސްމީހާގެ އަހުލާޤީ މައްސަލަތަކެއް ވަނީ ދިމާވެފައެވެ. މިގޮތުން މީހުންނަށް ކާރު ގެނެސްދޭނެ ކަމަށް ބުނެ މަކަރާހީލަތުން މީހުންގެ އަތުން ފައިސާ ހޯދި މައްސަލައެއްވެސް ފެންމަތިވިއެވެ. މި މައްސަލަ ފުލުހުން ބެލުމަށްފަހު އޭނާއާމެދު ފިޔަވަޅުވެސް ވަނީ އަޅާފައެވެ.
"ސެކިއުރީގައި ކާރުން ޖެއްސި މައްސަލަ ފުލުހުން ބަލައިފިނަމަ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރާނެކަން އެނގޭތީ އޭނާގެ ބޭބެ މި މައްސަލަ އޮއްބާލީ. އެއީ މީގެކުރިންވެސް މިފަދަ މައްސަލަތައް ދިމާވެފައި ހުރުމުން މިފަދަ މައްސަލައެއް ތަކުރާރު ވެއްޖެނަމަ ވަޒީފާއިން ވަކިކުރާނެކަން އޭނާއަށް އަންގާފައިވާތީ." މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ،
މިހާދިސާ ހިނގީ މިދިޔަ މަހު 16 ވަނަ ދުވަހު ހަވީރު 5:50 އެހާކަންހާއިރުއެވެ.