ރޭ އާޒިމަށް ދިން ހަމަލާ ކުއްވެރިކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، މާލެ ސިޓީގެ މޭޔަރ އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާކަމަށެވެ.
އަދި އެ ކަމާގުޅިގެން ރައީސް ޑރ މުއިއްޒު ވަނީ މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެ ހަމަލާ އާއި ގުޅޭގޮތުން އެ ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް ދޭހަވާގޮތަށް މޭޔަރު އާދަމް އާޒިމް ސިފަކޮށްފައިވާތީ، އެކަމަކީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައި ވެއެވެ.
އަދި އެ ހަމަލާއަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން، މޭޔަރު އާދަމް އާޒިމް އެވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.