އައްޑޫ ސިޓީގައި މާދަމާ ފަށާ ބިޒްނަސް ފޯރަމްގައި 500 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ: އިކޮނޮމިކް މިނިސްޓަރ

އައްޑޫ ސިޓީގައި މާދަމާ ފަށާ ބިޒްނަސް ފޯރަމް ގައި 500 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އައްޑޫސިޓީ މި މަހުގެ 13 އަދި 14 ގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރޭޝަން ފުރިހަމަކޮސްފައިވާ ކަމަށެވެ.

އަދި އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

އެގޮތުން އައްޑޫގައި މާދަމާ ފަށާ ބިޒްނަސް ފޯރަމްގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި މި މަހާސިންތާގެ މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

އަދި އައްޑޫގައި މިކަން ފަށަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *