Ad

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓުކޮށްފިއެވެ.

މި ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު، އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ވަޒީފާގެ ޝަތުރު ތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި  ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި، ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯ އާއި، އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާ އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއް ނަމަ  އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *