ބޮޑުޢީދާ ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ "މަށިމާލި ޕެރޭޑް"އަކީ ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ އިވެންޓެކެވެ. މަށިމާލި ޕެރޭޑްގައި ޤައުމުގައި ހިނގަމުންދާ ކަންތައްތައްތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.

މި ޕެރޭޑްގައި ސަރުކާރުގެ ވެރިންނާއި އިދިކޮޅު ފަރާތްތަކަށްވެސް ޖޯކު ޖަހާފައި ހުރެއެވެ. މިއިން ކޮންމެ ކަމެއްވެސް ގުޅުވާލާފައިވަނީ އެފަރާތްތަކާ ގުޅޭ ކޮންމެވެސް ކަމަކާއެވެ، ނުވަތަ އެފަރާތްތަކަށް ތުހުމަތު ކުރެވޭ ކަންކަމާއެވެ. ޤައުމުގައި ހިނގަމުންދާ ކަންކަން މި ޕެރޭޑްގައި ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުވެސް ކުރެއެވެ.

މަށިމާލި ޕެރޭޑަކީ އޭރަކު އޮންނަ ސަރުކާރަކުން އެހާ ގަޔާވާ ހަރަކާތެއް ނޫނެވެ. އެއީ އެންމެ ގިނައިން މި ޕެރޭޑްގައި ގެނެސްދީފައި ހުންނަނީ ސަރުކާރާ ގުޅޭ ކަންކަމެވެ. ސަރުކާރުގެ ވައުދުތަކެވެ. ނުފުއްދޭ ވައުދުތަކެވެ. ވެރިން ވިދާޅުވެފައިވާ ވާހަކަތަކެވެ. މިފަހަރުގެ ޕެރޭޑްގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރުގެ އިސްތަރުޖަމާނަށް ނިސްބަތްކޮށް ބައެއް ސްޓޯލްތަކާއި މެސެޖްތައް ގެނެސްދީފައިވެއެވެ. އަދި އިދިކޮޅުގައި ތިއްބެވި ތިން ރައީސުންނާ ގުޅޭ ސްޓޯލްތަކާއި މެސެޖްތައްވެސް ހުއްޓެވެ.

ދާދިފަހުން ސަރުކާރުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝާރީފް ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެމަނިކުފާނަށް ހަޖަމްވާނެކަމަށާއި ސިޔާސީ ކަންކަން ހަޖަމްކުރަން ވަކި ގޮހޮރެއް އިންނަ ކަމަށެވެ. މިކަމަށްވެސް ވަރަށް ގަދަޔަށް މި ޕްރޭޑްގައި ވަނީ ފާހަގަކޮށްފައެވެ.

ޕްރޭޑް ނިމުނުތާ ކުޑައިރުކޮޅެއްފަހުން އެމަނިކުފާނާ ގުޅޭގޮތުން ޕެރޭޑްގައި ފެނުނު ޕޯސްޓެއް ޝެއާ ކުރައްވާ ވިދާޅުވީ، މި ޕެރޭޑްގައި އެމަނިކުފާނުގެ ވާހަކަ ގެނައުން އެއީ އެމަނިކުފާނަށް ލިބުނު ބޮޑު މަޝްހޫރުކަމެއް ކަމަށާ ކުޅުދުއްފުށި މާލި ޕެރޭޑުގައި މީމުއެއްގެ ގޮތުގައި ނަމަވެސް އެމަނިކުފާނު ޝާމިލުކުރުމަކީ ލިބުނު މެޑަލްއެއް ކަމަށެވެ. ތަރުޖަމާން ވިދާޅުވި ގޮތަށް އެމަނިކުފާނަށް ވަރަށް ފަސޭހައިން މި ޕްރޭޑް ހަޖަމް ކޮށްލެވުނެވެ.

ކުދި ބޮޑު ދެ ޖިންސްގެ ގިނަބަޔަކު ބައިވެރިވާ މި ހަރަކާތަކީ ޒަމާނުއްސުރެ އެރަށު ރައްޔިތުން ކުރަމުން އަންނަ ކަމެކެވެ. މިފަަހަރުގެ ޕެރޭޑްގައި ކުޅުދުއްފުށީ ސިޓީކައުންސިލްގައި ހިމެނޭ ހަމައެކަނި ޕީއެންސީގެ ކައުންސިލަރު އިބްރާހިމް އަހުމަދުވެސް އަމަލީ ގޮތުން ބައިވެރިވިއެވެ.

މި ޕްރޭޑުން ފެނިގެންދަނީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ އުފެއްދުންތެރިކަމާއި ކުޅަދާނަކަން ކަމަށް ގިނަބަޔަކު ބުނެއެވެ،
ކުޅުދުއްފުށީ މާލީ ޕެރޭޑުގައި ގެނެސްދެނީ، އެވަގުތަކަށް ރައްޔިތުންގެ ސަމާލުކަމަށް އައިސްފައިވާ އަދި ފާހަގަ ކުރެވިފައިވާ ކަންކަމާގުޅޭ މާލިތަކެވެ. އެއީ މަޖާޒީގޮތުން ފޯރުކޮށްދޭ މެސެޖުތަކެވެ. އީދު މަޖަލުގައި މީހުން އުފާކޮށް ދިނުމަށް ގެނެސްދޭ މަޖާޒީ ޖޯކު ތަކެއްގޮތުގައެވެ.