މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިލިމާލޭގައި މާލެ ޓެކްސީގެ ހިދުމަތް ފަށައިފިއެވެ.
މިއަދު ހަވީރު ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު ސަޢީދު އެވެ.
މާލޭ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު ދަތުރުފަތުރުގެ މައްސަލައަށް ހައްލުހޯދަވައިދެއްވުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން މާލެ ޓެކްސީގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އެވެ.
މި ހިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ރާއްޖެ ގެނެސްފައިވެ އެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކުން ފެށިގެން، އެއާޕޯޓް ދަތުރުތަކާއި ފޮށިތަންމަތި އުފުލޭނެ ފަދަ ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެ އެވެ.