އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ރާއްޖޭގައި ކުއްކުރާ ނިސްބަތް 105 އިންސައްތަ އިތުރުވެއްޖެ: ފުލުހުން

ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް 105 އިންސައްތަ އިތުރުވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮސްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު ވަނީ 105 އިންސައްތަ އިތުރު ވެފައެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ސައިބާ ކްރައިމްގެ 512 މައްސަލަ ހުށަހަޅާފައިވާއިރު 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އަރާފައެވެ.

އަދި ފުލުހުން ބުނެފައިވަނީ މިއަހަރު 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައި ކަމަށާއި، މީގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.

ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ.

މި ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާކން ކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *