ދެކުނު ކޮރެއާ އިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޔުވެންޓަސް މިދިޔަ އަހަރު ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭތީ މެޗު ބަލަން ދިޔަ ބައެއް ދެކުނު ކޮރެއާގެ ސަޕޯޓަރުންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެ މެޗު ޕްރޮމޯޓްކުރި ފަރާތުން ސަޕޯޓަރުންނަށް ޓިކެޓް ފައިސާގެ އެއްބައި އަނބުރާދޭން ކޯޓުން އަމުރުކޮށްފި އެވެ.
ދި ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ހުކުމް ކުރީ މެޗު ޕްރޮމޯޓްކުރި ދި ފާސްޓާއާ ދެކޮޅަށެވެ. ފާސްޓާ އިން އެ މެޗު ޕްރޮމޯޓްކުރިއިރު ވަނީ ރޮނާލްޑޯ މެޗުގައި ކުޅޭނެކަމުގެ ޔަގީންކަން ގިނަ ބަޔަކަށް ދީ މެޗުގެ ޓިކެޓްތައް ވިއްކައިފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅި 162 ސަޕޯޓަރުން ކޮޅަށް މައްސަލަ ނިމުނުއިރު ފާސްޓާގެ މައްޗަށް ވަނީ ކޮންމެ ސަޕޯޓަރަކަށް ޓިކެޓް ފައިސާގެ ދެ ބައި ކުޅަ އެއްބައިގެ އިތުރުން 50،000 ވޮން (45 ޑޮލަރު) ދޭން އަމުރުކޮށްފަ އެވެ.
ދަނޑަށް ވަދެ ތިބި 65،000 ސަޕޯޓަރުން ރޮނާލްޑޯ ކުޅެން އަރުވަން އަޑުއުފުލި ނަމަވެސް އޭރު ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ އެ ފުރުސަތު ނުދެ އެވެ. އެ މެޗުގެ ޓިކެޓްގެ އަގުތައް އުޅުނީ 30،000 ވޮން އާއި 400،000 ވޮން (27 ޑޮލަރާއި 358 ޑޮލަރު) ދެމެދުގަ އެވެ. އެ މެޗުގެ ޓިކެޓް ވިއްކަން ފެށިތާ ތިން ގަޑިއިރުތެރޭ ހުރިހާ ޓިކެޓެއް ވިކި ހުސްވި އެވެ.
ޔުވެންޓަސް އިން ރޮނާލްޑޯ ލައްވައި އެ މެޗުގައި ނުކުޅުވީ އެ ޓީމަށް ކޮރެއާ އަށް ދެވުނު ގަޑި ލަސްވުމުންނެވެ. މިދިޔަ އަހަރު ޖުލައި މަހު ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.