އެވްރެޖޮކޮށް ދުވާލަކު 2.7 މިލިއަން ޑޮލަރު ވިއްކަން: ބީއެމްއެލް

އެވްރެޖް ކޮށް ދުވާލަކު 2.7 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ގެނެސްދިން "އިޤްތިޞާދު ހަމަމަގަށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ މުޙައްމަދު ސައީދު ވިދާޅުވީ އެ ބޭންކުން ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިއަން ޑޮލަރު ދަނީ ވިއްކަމުން ކަމަަށާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި އިރާން އެމެރިކާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދިޔަ ނަމަވެސް، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް އެ ބޭންކުން ހާއްސަ އިސްކަމެއް ދަނީ ދެމުން ކަމަށެވެ.

އެގޮތުން ވިޔަފާރިތަކަށާއި ޢާންމު އެހެނިހެން ބޭނުންތަކަށް މި އަހަރުގެ މިހާތަނަށް އެބޭންކުން 570 މިލިޔަން ޑޮލަރު ވިއްކުމުގެ އިތުރުން ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައި ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކާޑު މުޢާމަލާތްތަކާއި ޓީޓީ ހިމެނޭހެން ޖުމްލަ 478 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު އޭގެ ތެރޭގައި ޓީޓީ މެދުވެރިކޮށް ވިއްކި 166 މިލިއަން ޑޮލަރާއި، ކާޑު މުޢާމަލާތްތަކަށް ދޫކުރި 226 މިލިއަން ޑޮލަރު ހިމެނޭ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކާޑު މުޢާމަލާތްތަކަށް ކުރި ހޭދަ 29 އިންސައްތަ އިތުރުވެފައިވާއިރު ރޭމިޓެންސް މުޢާމަލާތްތަކުގެ އަދަދުވެސް ވަނީ 20 އިންސައްތައަށް އިތުރުވެފައިކަމަށެވެ.

އަދި ރާއްޖޭގެ އެކި ރަށްރަށުގައި ބަހައްޓާފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް 1.2 މިލިއަން ޑޮލަރު ނަގާއިރު ވޭތުވެދިޔަ 6 މަސްދުވަހު އެކަނިވެސް އެ އޭޓީއެމްތަކުން 188 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ.

ނަމަވެސް މީގެ 3 އަހަރު ކުރިން މާލެ ސަރަހައްދުގެ އޭޓީއެމްތަކުން ދުވާލަކު ނަގަމުންދިޔައީ 6 ލައްކަ ޑޮލަރު ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *