އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު 51 އިންސައްތަ އިތުރުކޮށްފި

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފިއެވެ.

އެމްއެމްއޭ އިން ބުނީ މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް އެ އޮތޯރިޓީން ބޭންކު ތަކަށް ޑޮލަރު ދޫކުރާ ނިސްބަތް 51 އިންސައްތަ އިތުރުކުރަން ނިންމީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ކަމަށެވެ.

އަދި މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވުމާ ގުޅިގެން، ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަަށާއި، ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާ ގުޅިގެން ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.

މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކުރިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ އިތުރުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *