ހިރިލަންދޫގައި ޤާއިމްކުރާ ކޯލްޑްސްޓޯރޭޖްގެ މަސައްކަތް މިމަހު ބަޔަކާ ހަވާލުކުރެވޭނެ: މިނިސްޓަރު ޝިޔާމް

ހިރިލަންދޫގައި ޤާއިމްކުރާ ކޯލްޑްސްޓޯރޭޖްގެ މަސައްކަތް މިމަހު ބަޔަކާ ހަވާލުކުރެވޭނެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިރިލަންދޫ ހިމެނޭ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤްވަނީ ހިރިލަންދޫގައި ޤާއިމްކުރުމަށް އިއުލާންކޮށްފައިވާ ކޯލްޑްސްޓޯރޭޖްގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ސުވާލުކުރައްވާފައެވެ، މެމްބަރު އަޝްރަޤްގެ ސުވާލާ ގުޅިގެން މިނިސްޓަރު ޝިޔާމްވަނީ އެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުވައުދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ހިރިލަންދޫގައި ޤާއިމްކުރާ 200 ޓަނުގެ ކޯލްޑްސްޓޯރޭޖްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަކަށެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ލިބެންޖެހޭ ހުއްދަވެސް މިހާރު ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގްރިމެންޓްގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީގެ ވިސްނުމެއް ހުރިގޮތެއް ބަލަން މިހާރު ވާނީ ފޮނުވާލާފަ. އަޅުގަނޑުމެން މި އުންމީދު ކުރަނީ މިހަފްތާތެރޭގައި ފިނޭންސް މިނިސްޓްރީގެ ކޮމެންޓެއް ލިބޭނެކަމަށް. އަޅުގަނޑަށް ޔަޤީންކަން އެބައޮތް މިމަސްތެރޭ އެކަން ބަޔަކާ ހަވާލުކުރެވޭނެ ކަމަށް. މިމަސްތެރޭ ބަޔަކާހަވާލުކުރެއްވިއްޖެ ކަމަށްވާނަމަ އަންނަ އަހަރު މެދަކާ ހިސާބަށް މަސައްކަތް ނިންމާލެވޭނެ." މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މި މަޝްރޫއަކީ އެ ސަރަހައްދުގެ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ފިނިކޮށް ބެހެއްޓުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ގަންނަ މިންވަރު އިތުރުކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *