ހިމާލިޔާ ފަރުބަދަތައް މަތިން ފޭބި ފެންގަނޑުގެ ސަބަބުން މަރުވި މީހުންގެ އަދަދު 160 އަށް އަރައިފި

ނޭޕާލާއި ޓިބެޓްގެ ބޯޑަރު ސަރަހައްދުގެ ހިމާލިޔާ ފަރުބަދަތަކުގެ މަތީ ސަރަހައްދުން ގަނޑުފެންގަނޑެއް ކަނޑައިގެން ދިއުމުގެ ސަބަބުން، ހިނގި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 160 އަރައިފި އެވެ.

ނޭޕާލުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ މި ހާދިސާގެ ސަބަބުން ނޭޕާލާއި ޗައިނާގެ ޓިބެޓް ސަރަހައްދުން ގާތްގަނޑަކަށް 1,500 މީހުން ގެއްލިފައިވާ ކަމަށާއި، މީގެ ތެރޭގައި 800 އެއްހާ ބޭރު ގައުމުތަކުގެ މީހުންވެސް ހިމެނޭ ކަމަށެވެ.

ނޭޕާލުގެ ފުލުހުން ބުނީ އެގައުމުން އެކަނިވެސް 826 މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި އެގައުމުގައި ތިބި 600 އެއްހާ ޓޫރިސްޓުންވެސް ހިމެނޭ ކަމަށެވެ.

ބޯޑަރުގެ އަނެއް ފަރާތުން، ޓިބެޓްގެ ގީރޮންގް ކައުންޓީން 558 މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި 260 ޓޫރިސްޓުންވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ.

އޯގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 8:40 ހާއިރު ހިނގި މި ހާދިސާގައި ނޭޕާލުން 157 މީހުން އަދި ޓިބެޓުން 3 މީހުން ވަނީ މަރުވެފައެވެ.

ނޭޕާލުގެ އޮފިޝަލުން ބުނީ ފެނާއި، ޗަކައާއި ހިލަތަކާއެކު އައި ބޮޑު ފެންގަނޑު "ލެންޑޭ ކޯލާ" ކޯރުގެ ވާދީގެ ތެރެއިން ދަތުރުކޮށް، އެ ސަރަހައްދުގެ އަވަށްތަކާއި ގެދޮރުގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށްލާފައި ކަމަށާއި އޭގެ ތެރޭގައި 19 ފާލަމަކާއި ގާތްގަނޑަކަށް 40 ކިލޯމީޓަރުގެ މަގު ވެސް ވަނީ މުޅިން ސުންނާފަތި ވެފައި ކަމަށެވެ.

އެހެންކަމުން ސިފައިންނާއި މީހުން ސަލާމަތްކުރާ ޓީމުތަކުން ހެލިކޮޕްޓަރާއި، ޑްރޯން އަދި ތަމްރީނުކޮށްފައިވާ ކުއްތާ ބޭނުންކޮށްގެން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ކޯރުގެ ފެންގަނޑު އިތުރަށް އުފުލެމުންދިއުމާއެކު އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ވާސިލުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ނޭޕާލުގެ އަސްކަރީއާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *