ތ އަތޮޅުގައި ރިސޯޓެއް ތަރައްގީކުރާ ކުންފުންޏެއްގެ ހިއްސާދަަރަކަށްހުރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ އައިލީ ބޭފުޅާ ސިޔާސީ މަޤާމުން ވަކިކޮށްފައިވާކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އާއިލީ ބޭފުޅަކު ތ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރައްވަން އުޅުއްވާ ކަމަށް ބައެއް ލިޔެކިޔުންތަކާއެކު މީޑިއާ އަދި ސޯޝަލް މީޑިއާގައި ޝާއިރުކުރި ހަބަރުތަކަކާ ގުޅިގެން، އެ މައުލޫމާތަކީ ތެދެއްތޯ އެބޭފުޅަކާ ސުވާލު ކުރެއްވި ކަމަށާއި، އެއީ ތެދެއް ކަމަށް އެބޭފުޅާ ވިދާޅުވުމާއެކު އެމަނިކުފާނު އައްޔަންކޮށްފައި ހުރި މަގާމެއްގައި ހުންނަވައިގެން އެކަހަލަ ކަމެއް ކުރެއްވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށްވާތީ އެ ބޭފުޅާ ވަޒީފާއިން ވަކިކުރައްވާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު އަމިއްލަފުޅަށް ވެސް އިކޮނަމިކް މިނިސްޓްރީގެ ޕޯޓަލްއަށް ވަދެވަޑައިގެން އެކަން ބެއްލެވި ކަމަށާއި، އަދި އެކަމަކީ އެމަނިކުފާނާއި ބެހޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެކަން އެނގުނު ހިސާބުން، ސަރުކާރުގެ މަގާމުން އެބޭފުޅާ ވަކިކުރެއްވެވި ކަމަށެވެ.




