ސީރިއަލް ޕެކެޓު ތެރޭ ފޮރުވައިގެން ރާއްޖޭން ބޭރު ކުރަން އުޅުނު 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.
މި މީހުން އަތުލައިގަނެފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށް ފުލުހުން ބުންޏެވެ.
ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 އަށް އަރައެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




