ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީޫސް ވިދާޅުވީ ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތާ މެދު ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ.
އަދި ތާރީޚުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލު އުޖާރާކުރަންޖެހޭ ކަމަށާއި، އެގޮތުން ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެން ޖެހޭ ކަމަށާއި، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށެވެ.
މިގޮތުން ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން ޖެހޭ ކަމަށާއި، ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.




