މިދިޔަ 2025 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު ރައްޖޭގޭ އިގްތިސާދު 4 އިންސައްތަ ކުރިއަރާފައިވާކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، 2019 ވަނަ އަހަރުގެ އަސާސީ އަގުތަކަށް ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އިގްތިސާދު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. އަދި މި އަދަދަކީ ކުރީ އަހަރަށްވުރެ 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ ތެރޭގައި ރިއަލް އެސްޓޭޓް ދާއިރާއިން 0.9 އިންސައްތަ ޕޮއިންޓުން ކުރިއަރާފައިވާއިރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ކޮންމެ ދާއިރާއަކުން 0.8 އިންސައްތަ ޕޮއިންޓް ކުރިއަރާފައި ވެއެވެ.
އަދި ސިއްހީ އަދި އިޖުތިމާޢީ ހިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6އިންސައްތަ ޕޮއިންޓް ވަނީ ކުރިއަރާފައެވެ.
މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 އިންސައްތަ ކުރިއަރައި 457 މިލިއަން ރުފިޔާއަށް އަރާފައިވާއިރު އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 އިންސައްތަ ކުރިއަރައި 815 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ދަތުރުފަތުރާއި މުވާޞަލާތީ ދާއިރާއަށް ވެސް ވަނީ 0.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރެއިން، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ކުރީ އަހަރަށްވުރެ އިޤްތިޞާދީ ކުރިއެރުން ވަނީ މަތިވެފައެވެ.
އެގޮތުން އެމް.ބީ.އެސްގެ ހިސާބުތަކަށް ބަލާއިރު، ޖެނުއަރީން ސެޕްޓެމްބަރަށް ޖުމްލަ އަދަދު ހުރީ 81.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ ކުރިއެރުމެކެވެ.




