އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސްތައް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔައިރު، ފާހަގަވި ވަރަށް މުހިއްމު ކަމެއް އެބައޮތެވެ؛ ވަކި މެންބަރުންތަކެއްގެ ދާއިރާއަށް އިސްކަން ދީގެން ބަޖެޓުގެ މަޝްރޫޢުތައް ހިމަނާފައިވުމެވެ. ބަޖެޓަށް ފާޑުކިޔަމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ ބަޖެޓުގެ އަދަދުތައް ބަހާލާފައި އޮތީ އަދުލުވެރި، ހުރިހާ ދާއިރާއަކަށް ހަމަހަމަ މަންފާ ލިބޭ ގޮތަކަށް ނޫނެވެ.
ތ. ވިލުފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އެންމެ ތަޖުރިބާކާރު އެއް ޕާލިއަމަންޓޭރިއަން ހަސަން އަފީފު ވިދާޅުވީ ބަޖެޓުގައި އާމްދަނީ އަދަދުތައް ޖަހާފައިވާއިރު، އެ ހޯދާނެ ގޮތްތަކެއް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ނުވާ ކަމަށާއި ބަޖެޓުގައި އޮތީ ހަމަ ކުރީ އަހަރުތަކެކެވޭ އެއްގޮތަށް، ހަމައެކައްޗެއް ކަމަށެވެ. އަދި ދާއިރާތަކަށް ބަޖެޓުން ބައި އަޅާފައިވާ ގޮތާމެދު ވެސް އަފީފުގެ ނުރުހުން ވަރަށް ބޮޑަށް ފާޅުކުރެއްވިއެވެ؛
"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ދަންނަވާލާނީ ތިން އަހަރޭ ހަމަ އެކައްޗެއް (ބަޖެޓުގައި) ޖަހަމުން ތިޔަ ގެންދަވަނީ. އަޅުގަނޑުމެންގެ ވެސް ތިބީ ރައްޔިތުންނޭ. ފަހަރެއްގައި އަޅުގަނޑަކީ ގަދަ އެގާރައިގެ މެންބަރަކަށް ނުވެ ހިނގައިދާނެ. އެހެންވިއަސް، އަޅުގަނޑުމެންގެވެސް ތިބީ ރައްޔިތުންނޭ،" އަފީފު ވިދާޅުވިއެވެ.
މިއޮތީ ގަދަ އެގާރައިގެ ވާހަކަ ފާޅުގައި ފެށިފައެވެ. އެމްޑީޕީގެ ޕާލިއަމެންޓް ގްރޫޕުގެ ބައެއް މެންބަރުން އަބަދުވެސް މިވާހަކަ އެކި ގޮތްގޮތަށް ގެންދަނީ ދައްކަވަމުންނެވެ. މާބާރުގަދަ ވަޒީރުންނާއި އެވަޒީރުންނާ މާ ގާތް ގުޅުންތަކެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އެމެންބަރުންގެ ދާއިރާތަކަށް ވަރަށް ފަސޭހައިން ކަންކަންވަމުންދާ ވާހަކައެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމަނައިގެން ކަމެއް ހާސިލްކުރަން ވެއްޖެނަމަ ޖެހެނީ ވަޒީރުންނަށް އާދޭސް ދަންނަވައި ސަނާކިޔަން ކަމަށާއި ކުންފުންޏަކުން ކަމެއް ބޭނުންވާނަމަ އެތަނެއްގެ އެމްޑީ ވަރަށް ރަނގަޅޭ ކިޔައިގެން ތައުރީފުކުރުމުން ނޫނީ އެއްކަމެއްވެސް ނުވެއެވެ.
"ބަޖެޓެއް ހާސިލެއް ނުވޭ. ވަޒީރުން މަޖިލިސް މެންބަރުން ދެކެ ނުރުހުނީމަ މެންބަރުންގެ ފޯނެއް ނުނަގާ. މިއީ މިގައުމުގެ ސިޔާސަތު ހިނގާގޮތް. ގައުމު ލާމަރުކަޒެއް ނުވި. ބަޖެޓެއް ނުލިބުނު. ރައްޔިތުންނަށް އިންސާފާއެކު ބަޖެޓު ލިބޭނީ މި ނިޒާމު ބަދަލުކޮށްގެން،" ސަނީފު ވިދާޅުވިއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ވެސް ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ވަނީ ވަކި މެންބަރުންގެ ދާއިރާތަކަށް އަމާޒުކޮށް ބަޖެޓުގައި ގިނަ ކަންކަން ހިމަނާފައިވާއިރު، އެހެން ދާއިރާތަކަށް އިންސާފުވެރިކަމާއެކު ބަޖެޓު ލިބިފައެއް ނުވެއެވެ.
"މަޖާނުވިއަސް ވަޒީރު އަރިހުގައި ހޭން ތިއްބަވާ މެންބަރުން ބޭނުންވާ ކަންކަންވެފައި، ދެން ހުރި ދާއިރާތައް އިހުމާލުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ އިންސާފެއް ނޫން،" ވައްޑެ ވިދާޅުވިއެވެ.
އެމްޑީޕީ ޕާލިއަމެންޓް ގްރޫޕުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އިކޮމިނިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލު އާއި ފިނޭންސް މިނިސްޓަރު އަމީރާ ޚާއްސަ ގުޅުންތަކެއް، ގާތްކަމެއް އޮންނަ ވަކި މެންބަރުންތަކެއް އެބަތިބި ކަމަށް އެމްޑީޕީގެ އިސް ލީޑަރުންވެސް ދެކެއެވެ. އެއުސޫލު ބަދަލުކޮށްގެން ނޫނީ އެމްޑީޕީގެ ތަސައްވުރާއި ސިޔާސަތުތައް ހާސިލު ނުކުރެވޭނެ ކަމަށްވެސް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަކު މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއެވެ؛ އެމްޑީޕީ ޕީޖީ ގުރޫޕުގެ ގަދަ 11 އަކީ ކޮން ބައެއް ހެއްޔެވެ؟ އެމީހުން އެހާ ބާރުގަދައީ ކީއްވެގެން ހެއްޔެވެ؟