Ad
އެމްއެމްޕީއާރސީގެ ޚިޔާނާތް ފަޅާއެރި ދުވަސްވަރު ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް އެމްޑީޕީން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި މެންބަރު ޝަރީފް ވާހަކަދައްކަވަނީ -: ފޮޓޯ: އެމްޑީޕީ/ޓްވިޓަރ
އެމްއެމްޕީއާރސީގެ ޚިޔާނާތް ފަޅާއެރި ދުވަސްވަރު ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް އެމްޑީޕީން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި މެންބަރު ޝަރީފް ވާހަކަދައްކަވަނީ -: ފޮޓޯ: އެމްޑީޕީ/ޓްވިޓަރ

އަޅުގަނޑުލައްވާ އިސްލާޙު ހުށައެޅީ އަދީބެއް ނޫން! އިސްލާޙު ހުށައެޅީ އެމްޑީޕީގެ ރައީސް ބޭނުންފުޅުވެގެން: އައްޑޫ ޝަރީފް

އެމްޑީޕީގެ ރައީސް ބޭނުންފުޅުވެގެން ނޫންގޮތަކަށް ހުށައެޅިގެންދިޔަ އިސްލާޙެއްނަމަ އޭރު ފިޔަވަޅު އަޅާފައި އޮތީހީ : އައްޑޫ ޝަރީފް

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް އެމަނިކުފާނު ލައްވައި ޤާނޫނަށް އިސްލާޙު ހުށައެޅުއްވީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެއް ނޫންކަމަށާއި، އެކަން ކުރެއްވީ އެމްޑީޕީގެ ރައީސް ބޭނުންފުޅުވެގެންކަމަށް، މަރަދޫ ދާއިރާގެ މަޖްލިސް މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފެށުނުތަނާހެން ނަންއިއްވައި ތަޅުމުންވެސް ނެރެފައިވާ މެންބަރު ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓް ކުރިއަށް ގެންދަވަމުން ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ، އެނޫންގޮތަކަށް (އެމްޑީޕީގެ ރައީސް ބޭނުންފުޅު ނުވެއޮއްވައި) އެ އިސްލާހު ހުށައެޅުއްވިނަމަ، އޭނާއާ ދެކޮޅަށް ޕާޓީން އޭރު ފިޔަވަޅު އެޅީސްކަމުގައެވެ.

މަޖްލީހުގެ މިއަދުގެ ޖަލްސާއިން ނެރެވުމަށްފަހުގައި މެންބަރު ޝަރީފް ފުލުފުލުގައި ކުރެއްވި ޓްވީޓްތަކެއްގައި، ފުލުހުންގެ ބިލަށް ހުށައެޅޭ އިސްލާހަކާ ގުޅިގެން އިންތިހާއަށް ނުރުހުން ފާޅުކޮށް، އެއިސްލާޙަށް ވޯޓު ނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެ، މަޖްލީހުގެ ރައީސް، ރައީސް ނަޝީދަށް ނިޞްބަތްވާގޮތައް ރައްދުދެއްވައި އިންތިހާއަށް ފާޑުކިޔުއްވާފައިވެއެވެ.

އަދި، ޝަރީފްގެ އެޓްވީޓުތަކަށް މާގިނައިރުތަކެއް ނުވެ އުޅެނިކޮށް، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްކަމަށް ބެލެވޭ "ނޯޓީ މެކްސް" ކިޔުނު ޓްވިޓަރ އަތްގަނޑަކުން ވަނީ، މެންބަރު ޝަރީފަށް އެތަކެއް މިލިއަން ރުފިޔާއެއް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދެއްވިކަން ހާމަވާ، އަދީބުގެ ބަޔާނެއްކަމަށްބުނެ ސިއްރު ބަޔާނެއް "ލީކް" ކޮށްލާފައެވެ.

" ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށައެޅުމަށް އިބްރާހީމް ޝަރީފް އެއްބަސްވުމުން ބިލް ހުށަހެޅުމުގެ ކުރިން އޭނާ އަށް -/
5,000,000ރ (ފަސްމިލިއަން ރުފިޔާ) ދިނީމެވެ. މިފައިސާ ދިނުމުން އިބްރާހީމް ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށައެޅިގެން ދިޔައެވެ. މިކަން އިބްރާހީމް ޝަރީފް ކުރީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ ގެ މެމްބަރުންނަށް ވެސް ނޭނގިއެވެ. އިބްރާހީމް ޝަރީފް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށައެޅުމުން އޭނާ އަށް ވާނީ 15,000,000ރ (ފަނަރަ މިލިއަން ރުފިޔާ) ދީފައެވެ. އޭގެފަހުން ކޮމިޓީމަރުހަލާ ނިމި ތަޅުމަށް ދިޔައިރު 43 (ސާޅިސް ތިނެއް) މެމްބަރުންގެ ވޯޓް ލިބޭނެކަން އަޅުގަނޑަށް އެނގެއެވެ. " 

އެމްއެމްޕީއާރސީ މައްސަލާގައި އަދީބު ދީފައިވާ ބަޔާނެއްކަމަށްބުނެ، "ނޯޓީ މެކްސް" ކިޔުނު ޓްވިޓަރ އަތްގަނޑުން ލީކުކޮށްލާފައިވާ މި ބަޔާނުގައި އަދީބު ބުނެފައިވެއެވެ.

އެމްއެމްޕީއާރސީ ޚިޔާނާތާ ގުޅުވައިގެން، ޚާލިޞް އެމްޑީޕީ މެމްބަރުން، މިހިނދު އެމްޑީޕީ ނަމަވެސް ކުރިން ޑީއާރޕީއަށް ނިޞްބަތްވެވަޑައިގަންނަވާ މަޖްލިސް މެމްބަރުންނަށް ތުހުމަތުގެ އިނގިލިތައް އަބަދުވެސް ދިއްކުރައްވަމުން ގެންދަވައެވެ. އަދިހަމަ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާގޮތުގައި 18 ވަނަ މަޖްލީހުގައި ތިއްބެވި އެމްޑީޕީއަށް ނިޞްބަތްވާ ދެތިން މެމްބަރަކު މެނުވީ އެންމެހައި މެމްބަރުންނަށްވެސް އެމްއެމްޕީއާރސީ ގެ ޚިޔާނާތު ފައިސާއިން ސީދާގޮތެއްގައިވެސް މަންފާ ލިބިފައިވާއިރު، ޖަލުން މިނިވަންކުރުމަށް ރައީސް ނަޝީދުގެ މަސްލަޙަތުގައާއި ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙްގެ މަސްލަޙަތަށްވެެސް އެމްއެމްޕީއާރސީގެ ފައިސާ ބޭނުންކުރެވުނުކަމަށް ޕީޕީއެމް ކޯލިޝަންގެ އިސްވެރިން ތުހުމަތުކުރަމުން ގެންދެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައި ދިޔަ ބޮޑެތި އެންމެހައި ކަންކަމުގައި އެމްއެމްޕީއާރސީގެ ޚިޔާނާތު ފައިސާ ބޭނުންކުރެވިފައި ވާނެކަމަށާއި، އެ ފައިސާއިން ފައިދާނުވާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނުވާނެކަމަށްވެސް ޚުދު ކުރީގެ ނައިބު ރައީސް އަދީބުވެސް ޝަރީޢަތުގެ މަޖްލީހުގައިވެސް ވިދާޅުވެފައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *