އިޓަލީގެ އުމުރުން 30 އަހަރުގެ ފޯވާޑް މާރިއޯ ބަލޮޓެލީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް އޭސީ މޮންޒާއާ ގުޅިއްޖެ އެވެ.
ސީޒަނުގެ ބާކީ ބައިގައި އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ޓީމަކަށް ބަލޮޓެލީ ބަދަލުވިއިރު އޭނާއަކީ ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބަލޮޓެލީ ވަނީ އިންޓަ މިލާނާ އެކު 2010 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގުގެ ތިން ތައްޓާއި، ކޮޕަ އިޓާލިއާ އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އިންޓަ މިލާނަށް ކުޅުނު 86 މެޗުގައި ބަލޮޓެލީ އެ ކްލަބަށް 28 ލަނޑު ޖެހި އެވެ.
ބަލޮޓެލީ އެންމެ ފަހުން ކުޅުނީ އިޓާލިއަން ލީގުގެ ބްރެޝިއާ އަށެވެ. އެކަމަކު މިދިޔަ ސީޒަނަށް ފަހު އެ ކްލަބުން ބަލޮޓެލީ ދޫކޮށްލުމުން އޭނާ މި ހުރިހާ ދުވަހު ހުރީ ކްލަބެއް ނެތި އެވެ. މިދިޔަ ނޮވެމްބަރު މަހު ބަލޮޓެލީ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބް ފްރެންޝިއާކޯޓާގަ އެވެ. އިޓާލިއަން ލީގަށް ކޮލިފައިވާން މަސައްކަތްކުރަމުން އަންނަ މޮންޒާ ޓީމުގައި ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުނު ކެވިން ޕްރިންސް-ބޯޓެން ވެސް ހިމެނެ އެވެ. މިވަގުތު އެ ކްލަބް އޮތީ އެ ޑިވިޝަނުގެ ނުވަ ވަނައިގަ އެވެ.
ބަލޮޓެލީ ވަނީ މެންޗެސްޓަރ ސިޓީ އަށް ބަދަލުވެ އެ ކްލަބާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ސިޓީގައި ކުޅުނު 80 މެޗުގައި ބަލޮޓެލީ 30 ލަނޑު ޖެހި އެވެ. އިންޓަ އާއި ސިޓީގެ އިތުރުން ބަލޮޓެލީ ވަނީ އޭސީ މިލާނާއި ލިވަޕޫލަށް ވެސް ކުޅެފަ އެވެ. ބްރެޝިއާ އަށް މިދިޔަ އަހަރު ބަދަލުވުމުގެ ކުރިން ބަލޮޓޮލީ ވަނީ ފްރާންސްގެ ނީސް އާއި މާސޭ އަށް ކުޅެފަ އެވެ.
އިޓަލީގެ ގައުމީ ޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ޖަހައިދިން ބަލޮޓެލީ އަށް މިހާރު ގައުމީ ޓިމުން ފުރުސަތެއް ނުލިބެ އެވެ. ގައުމީ ޓީމުން ފުރުސަތު ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ އަހްލާގީ މައްސަލަތައް ގިނަވުމެވެ.