Ad
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -: ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -: ފޮޓޯ:ރައީސް އޮފީސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ކޮމިޝަނާއެކު ނައިބުރައީސް މަޝްވަރާކުރައްވައިފި

"ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި، މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، އެ ފަރާތްތަކަށް ވެސް ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވުނު" ރައީސް އޮފީސް

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރަށްވާފައިވާ ގޮތުގައި މި މަޝްވަރާތައް ކުރިއަށްދިޔައީ އެ އޮފީހުގައި މިއަދު  ބޭއްވުނު، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގެ 2020 ވަނަ އަހަރުގެ ތިންވަނަ ބައްދަލުވުމުގައެވެ.

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ޞިއްޙީ ގޮތުން ޡަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކުގެ އިތުރުން، މުވައްޒަފެއްގެ ޢާއިލާގެ މެންބަރަކަށް ކުރިމަތިވާ ޞިއްޙީ ހާލަތެއްގައި އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެއްކިބާވާންޖެހޭ ހާލަތްތަކުގައި، އެ ފަދަ މުވައްޒަފުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މުސާރައާއި އިނާޔަތްތައް ލިބޭނެ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ ދުވަހުގެ އަދަދު އިތުރުކޮށްދިނުމަށް ސިވިލް ސަރވިސްގެ ޤަވާޢިދަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުމަކީ މި ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެެވިގެން މަޝްވަރާކުރެވުނު ކަންތައްކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

އަދި، ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި، މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، އެ ފަރާތްތަކަށް ވެސް ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުންވެސް ވަރަށް ފުޅާ ދާއިރާއެއްގައި މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *