Ad

މަސްވެރިންނަށް "ހެޕީ ބާތު ޑޭ" ކިޔޭތާ 40 އަހަރު. އަލަތު އަންބަށް ދޭނެ "ރަންގަނޑެތި" ވެސް ދިއްކޮށްނުލެވުނު.

"މަސްކޮޅެއް ބޭނިއްޖެނަމަ އައިސް ނުލިބެއެވެ. އައިސް އެޅިއްޖެނަމަ މަހެއް ނުކިރުވެއެވެ. މަސްކިރުވިއްޖެނަމަ ފައިސާކޮޅެއް ނުލިބެއެވެ. ފައިސާކޮޅު ލިބިއްޖެނަމަ އިންތިހާއަށް ނުއަގެވެ. މަސް ގަންނަ އަގު ރުފިޔާއެއް ބޮޑުވެއްޖެނަމަ ތެލުގެ އަގުން ދޮޅުރުފިޔާ ބޮޑުވެއެވެ. ބައިރުފިޔާ ހެޔޮވެއްޖެނަމަ މަސްގަންނަ އަގު ދެރުފިޔާ ދަށްވެއެވެ"

އަޅުގަނޑުމެން ކުޑައިރުއްސުރެމެ ލިޔުންތަކުން ފެންނަގޮތުގައި މަސްވެރިކަމަކީ ދިވެހީންގެ ލޭނާރެވެ. އެހެންނަމަވެސް މައިކްރޯ ސްކޯޕެއް ނޫނަސް އާދައިގެ ބޮޑުވާ ބިއްލޫރި ކޮޅަކުން ބަލާލިޔަސް މިއަދު ފެންނަ މަންޒަރަކީ، އެބުނާ ލޭނާރުގެ އަސްލު ހާލަތެވެ.

ދިވެހިންގެ މައި ލޭނާރުގެ ވަށައިގެންވާ އެންމެހައި ލޭ ހޮޅިތަކުގައި މިވަނީ ދަމިލަ ނުވަތަ ސަރުބީ ޖަހާފައެވެ. އާދައިގެ ހެލްތު ވޯކަރަކު ބައްލަވާލައްވައި، ފޯރުކޮށްދެއްވާ ޕެނަޑޯލް ގުޅައެއް މެނުވީ ފަރުވާއެއްގެ ގޮތުން ދެވިފައިވެސް ނުވެއެވެ. ދިވެހިންގެ "ލޭނާރު" ގެ ބަލިތަކަށް، ހުސްނުވާ އާސަންދަވެސް ނުލިބެނީ ތޯއްޗެކެވެ!

ކޮވިޑް19 ގެ ބިރަށް، "ރަންބިސް އަޅާ ކުކުޅު" މިވަނީ "ކަރަންޓީނު" އަށް ލުމަށް މަޖުބޫރު ވެފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ، އަސްލު ގުދުރަތީ ލޭނާރު ބާއްވާފައި މަސްނޫޢީ ހިތެއް ބޭނުންކޮށްގެން އިގްތިސާދަށް ޕަމްޕު ކުރަމުން އައި "ލޭ" ހުއްޓުމަކަށް އައިސް ޤައުމުގެ އިގުތިޞާދުވެސް ވެންޓިލޭޓަރަށް ލާން ޖެހުމެވެ.

ވިދާހާ އެއްޗަކީ ރަނެއް ނޫނޭ ބުނެވޭހެން، އެ ކުކުޅު އަޅާ ކޮންމެ ބިހެއް ރަނަށްނުވެ ދާކަންވެސް މިއަދު މިވަނީ ގަބޫލުކުރަން ޖެހިފައެވެ. ގައުމަކުން ނެރެލާ "ޓްރަވަލް އެޑްވައިސަރީ" އެއް ނުވަތަ މުޒާހަރެއްގައި ބަޔަކު މިޤައުމުގެ މަގަށް އެއްވެލާއިރަށް މާބަނޑު ނުވާ ރަންބިސްއަޅާ ކުކުޅަކުން، ގައުމުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓިދާނެތޯ ދައުލަތުގެ ފެންވަރުގައި ސުވާލު އުފައްދަވަން ނުވޭހެއްޔެވެ؟

ހިތައް ފިނިކަމެއްލިބޭ މަންޒެއްވެސް ފެނެއެވެ. ލޭނާރަށް މިއޮތް ހުރިހައި ދުވަހު ކުރިމަތިވަމުންދިޔަ ބަލިތަކާއި އެކުވެސް، އެއްކޮށް މަރުވެ ދިޔަ ނުދިނުމަށް، ފަރުދުންގެ ފެންވަރުގައި ކިޔަވަމުންދާ "ކިޔެވެލިތަކާއި" ކުރަމުންގެންދާ "ދިވެހި ބޭސްވެރިކަމާއި" ހުރެ، އެ ލޭނާރުގައި އަދިވެސް ވިންދު އެބަޖަހައެވެ. ދައުލަތުގެ "ޓާރޝަރީ" ފެންވަރުގެ ހަސްފަތާލުތަކުން ފަރުވާކުރެވި އާސަންދައިގެ ދަށުން ޒަމާނީ ބޭސްތައް ނުލިބުނެއް ކަމަކުއެވެ.

އިގްތިސާދީ ކޮންމެ މަސައްކަތެއްވެސްމެ ރޫފަ ހެޔޮކޮށް ހަމަ އިސްކޮޅަށް ތެދުވުމުގައި ނޫކަށި ފުރައިގެ ޒުވާނުންގެ ހިއްސާއަކީ ނުހަނު މުހިންމު ކަމެކެވެ. މަސްވެރިކަމުގެ ދާއިރާއިންވެސް މިއަދު ފެންނަނީކީ ފޫގަޅާފައިވާ މުންޑުތަކެއް ނޫނެވެ. ނިކުތު ކުރީގައި "ގޯ ޕްރޯ' ކެމެރާ ހަރުކޮށްގެން، ބަލައި ފޫހިނުވާނެ މަންޒަރުތައް މުޅި ދުނިޔެއަށް ދައްކަމުން ފަޚުރުވެރިކަމާއި އެކު ޝައުގުން ފުރިގެންވާހާލު ދޮށިއަޅަމުންދާ "ޓީން އޭޖު" ޒުވާނުން ވެސްމެއެވެ.

މަސްވެރިން މިވަނީ ކިތަންމެހައިވެސް ފުރިހަމައަކަށް ފަރުދީ ޒިންމާ އަދާކޮށްފައެވެ. ނޫންނަމަ މި ލޭނާރުގައި ކުޑަވެސް ވިންދެއްވެސް މިއަދު ނެތީސްކަން ކަށަވަރެވެ. ވީހިނދު ބާކީ އޮތީ ދައުލަތުގެ ޒިންމާ ނޫންތޯއެވެ؟

"ދޯނީގެ މަސައްކަތް އެހުރީ %90 ނިމިފައި. ބާކީ އޮތީ ބޭރުން އެތެރެކުރަން ޖޭހޭ މެޝިނަރީސްތައް އެތެރެކުރުން. އެތަކެއްޗަށްވެސް ހަތަރު ފަސްވަރަކަށް މިލިއަން ރުފިޔާ އަރައި. މަސްވެރިކަމުގެ ބޭނުމަށް އެތެރެކުރެވޭ އާލާތްތަކުން ޑިއުޓީ މާފުކޮށް ގާނޫނެއް ހެދުނުފަހުން އަހަރު މިވަނީ. މި ހާތަނަށް އެތެރެ ކުރި އެއްޗަކުންވެސް ޑިއުޓީ މާފުވެފައެއް ނެތް."

މިހާތަނަށް ރާއްޖޭގައި ބަނދެވެމުން އަންނަ އެންމެ ފުރިހަމަ އެއްދޯނީގެ ވެރިފަރާތުގެ ކަންބޮޑުވުން ހިއްސާކުރަމުން ކިޔައިދީފައިވެއެވެ.

މަސްވެރިކަމުގެ މުސްތަގުބަލާއިމެދު، މި ބޮޑު އިންވެސްޓްމަންޓްގެ ވެރިފަރާތުން ދެކިލައްވާގޮތް ހާމަ ކުރަމުން އިތުރަށް ބުނެފައި ވަނީ، މަސްވެރިކަމުން ލިބޭ އާމްދަނީ މަދުކަމަށް ބައެއް މީހުންނަށް ހީވެ، ފަތުރުވެރިކަން ފަދައިން ކުރިއަރައިގެންގޮސް ގައުމުގެ އިގްތިސާދުގެ މުހިންމު ބަހާއަކަށް މަސްވެރިކަން ނުވެދާނެކަމަށް ސަރުކާރަށް ހީވާނަމަ، އެއީ ހަމަ ކުއްހީއެއްކަމަށެވެ. ހަގީގަތައް ވިސްނައިފިނަމަ މަސްވެރިކަމަކީ ފަތުރުވެރިކަމާއި އެއްވަރަށް، އަދި ދެމެހެއްޓެނިވި ކާމިޔާބީއާއިއެކު ފަތުރުވެރިކަމަށްވުރެވެސް ބޮޑަށް، ތަރައްޤީކޮށް ކުރިއެރުވިދާނެ ދާއިރާއެއްކަމުގައިވެސް، ގެމަނަފުއްޓަށް ނިސްބަތްވާ މިދޯނީގެ ވެރިފަރާތުން ފާހަގަކޮށްފައިވެއެވެ.

އާދޭހެވެ! އެބުނާހެން ނުވާން ވީ ސަބަބެއްވެސް ނެތްތާއެވެ. މަސްވެރިންނަށް ކިރިޔާވެސް ހަމަ އަގެއް ލިބިއްޖެނަމަ ސިވިލް ސާރވަންޓަކަށް ލިބޭ ވަރަށްވުރެ ރަނގަޅު މުސާރައެއް، މަސްވެރިކަން އެންމެ ދަށް ދުވަސްވަރުގައިވެސް މަސްވެރިއަކަށް ލިބެއެވެ. އަދި، އެންމެ ދޯންޏަކުން 30 ހަކަށް މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭހިނދު، މަސްވެރި ރަށްތަކުގައި މަދުވެގެން ދިހަ ބާރަ ދޯނި އޮންނައިރު، ރަށެއްގައި އެކަނިމެ 300 މުވައްޒަފުން އުފެދުނީއެވެ.

މަސްވެރިކަމުގެ މާކެޓަށް ވިސްނި ނަމަވެސް އުފެއްދުންތަކުގެ ބާވަތާއި މިންވަރު އިތުރުކުރުމަކީ ދެކޮޅުޖެހޭ ކަމެއްކަންވެސް އެބަ އިނގެއެވެ. އެންމެ މިސާލެކެވެ. ރާއްޖޭގައި އުފެއްދޭ ދަޅުމަހަށްވުރެ، ރާއްޖެއިން ބޭރުން މިގައުމަށް އެތެރެކުރެވޭ ދަޅުމަހުގެ ބާވަތްތައް ގިނައެވެ. ޑިމާންޑުގެ ވާހަކަ އިތުރަށް ދައްކާނެކަމެއް ނެތްތާއެވެ. މަސްވެރިކަމުން އުފެއްދޭނީ ފިނިކުރި މަހާއި، ހިކި މަސް ނުވަތަ ދަޅުމަސް އެކަނި ނޫންކަންވެސް ރަށްފުށުގެ ފެންވަރުގައިވެސް މިވަނީ ދައްކުވައި ދީފައެވެ. ގެމަނަފުށީގައި މީގެ ކުރިން އެފެދިގެންގޮސް ކުޑަ މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ކޯޕަރޭޓިވް ސޮސައިޓީ ފުދޭނޫންތޯއެވެ.

އިއްޔެ، ލ ފަހިމަގު ދޯނި ވ. އަތޮޅުމަތިން 10 ޓަނު މަސް ބާނައިގެން، ރޭ ހަތަރުދަމު ހޭލައިތިބެ. ކިއުގައި ޖެހިގެން ކ. ހުރާއިން މިއަދު ހެނދުނު 7:00 ގައި އައިސް އަޅައިގެން ދުއްވަމުން އެދަނީ އިތުރު 70 މޭލު ދުރުގައި އޮތް ޅ. ފެލިވަރަށް މަސްކިރުވަން. މަސްކިރުވާފަ އަނބުރާ އެންދަމަން އަންނަން މިޖެހެނީ ވ. އަތޮޅަށް. މަސްވެރިންނަށް މި ނޫން ދުވަހެއް ބޭނުން

މިއީ މީގެ ދެތިން މަހެއްހާ ދުވަސްކުރިން ލ. ފަހިމަގު ދޯނީގެ މަސްވެރިން ފާޅުކޮށްފައިވާ ޝުޢޫރެއްނަމަވެސް، 40 ވަނަ މަސްވެރިގެން ދުވަސް ފާހަގަކުރެވެމުންދާ މިއަދު، ތުރާކުނުން ފެށިގެން ހިތަދޫއާއި ހަމައަށް، ރާއްޖޭގެ އެންމެހައި މަސްވެރިންގެ އުދާސްތަކަކީވެސް މިއީ ނޫންހެއްޔެވެ!

މަސްކޮޅެއް ބޭނިއްޖެނަމަ އައިސް ނުލިބެއެވެ. އައިސް އެޅިއްޖެނަމަ މަހެއް ނުކިރުވެއެވެ. މަސްކިރުވިއްޖެނަމަ ފައިސާކޮޅެއް ނުލިބެއެވެ. ފައިސާކޮޅު ލިބިއްޖެނަމަ އިންތިހާއަށް ނުއަގެވެ. މަސް ގަންނަ އަގު ރުފިޔާއެއް ބޮޑުވެއްޖެނަމަ ތެލުގެ އަގުން ދޮޅުރުފިޔާ ބޮޑުވެއެވެ. ބައިރުފިޔާ ހެޔޮވެއްޖެނަމަ މަސްގަންނަ އަގު ދެރުފިޔާ ދަށްވެއެވެ! ހަމަ ހަގީގަތުގައިވެސް މަސްވެރިންނަށް މި ނޫން ދުވަހެއް ބޭނުންވެއްޖެއެވެ.

ވީހިދު، ކޮންމެ ގެއެއްގެ ދޮރުމަތީގައި "ގޭ ދޮށު މަސްފެކްޓަރީ" އެޅުމާއި، ކޮންމެ ކަނޑަވަޅިއެއްގައި "މަސްވެރި ޕްލެޓް ފޯމު" ބެހެއްޓުންފަދަ "ކުޅޭތާ" ވާހަކަތައް ދެއްކެވުމަށްވުރެ، މިހިނދުން މިހިނދަށްވެސް ކުރެވިދާނެ ޒިންމާދާރު ކަންކަމުގެ ވާހަކަ ދައްކަވައި އިޚްލާސްތެރި މަސައްކަތްތަކެއް ދައުލަތުގެ ފެންވަރުގައި ކުރަންޖެހިއްޖެއެވެ.

އޭރުން، ކެޔޮޅުގެ އަންހެނުންގެ ގޯތި ފައުންޑޭޝަން ދަމާލިގޮތަށް އޮންނަތާ ދޮޅަހަކަށް އަހަރު ނުވީހެވެ. ދޮށީދަރިފުޅު ފޯނުގެ ޑާޓާ ޕެކޭޖް މަހުފަހުކޮޅުގައި ހުސްވެފައި ނުހުންނާނެއެވެ. ހަގުދަރިފުޅުގެ ބުއްދަޅު ނުގަނެވި ނުވާނެއެވެ. އަދިހަމަ، ކަންމަތީ ފިހާރައިގެ ލޭންދޭނު ފޮތަށް ހާހުން އަރާފައިވުމުން ގަންނާކުރަށްވާ ލަދުން ކެޔޮޅު އަންހެނުން އޮޑިފަންނަށް ނުނިކުމެ އުޅެން ނުޖެހުނީސްކަންވެސް ކަށަވަރެވެ.

މަސްވެރިންނަށް "ހެޕީ ބާތު ޑޭ" ކިޔޭތާ 40 އަހަރު ވީއެވެ. އަލަތުއަތްބަށް ދޭނެ "ރަންގަނޑެތި" ވެސް ދިއްކޮށްނުލެވެއެވެ!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *