އައްޑޫގައި ޤާއިމުކޮށްފައިވާ އޭސިއަން އެކަޑަމީ އޮފް އެސްޓްރޮނޯޓްސް (އޭއޭއޭ) ފްލައިން ސްކޫލަކީ މުޅި ޤައުމަށް ލައިގެންފަ އޮތް މުޞީބާތަކަށް މިހާރު ވެއްޖެކަމަށް، އައްޑޫސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއެޖެއެވެ.
މެމްބަރު ރޮޒައިނާ މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
"ޑޮލަރުން ފީނަގާ މައްސަލަ ހައްލުނުވެ ދަރިވަރުންގެ ފްލައިންގ ހުއްޓުމަކަށް"، މިނަމުގައި އައްޑޫ އޮންލައިންގައި ލިޔެފައިވާ ޚަބަރެއް ހިއްސާކުރަށްވަމުން މެމްބަރު ރޮޒައިނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ފްލައިންގ ސްކޫލު މީހުންނާއި ގުޅިގެން އެމީހުންނަށް "ބެކިންގ" ދޭ ބަޔަކަށްވެސްވާ ސަލާން ކަމަށެވެ. އަދި، ޓްރާންސް ޕޯޓް މިނިސްޓްރީ އަށް އެމައްސަލަ ހައްލުކޮށްދެވެން ވާނެކަމަށް ވިދާޅުވުމަށް ފަހު، އެމިނިސްޓްރީ ތެރެއިން ފްލައިން ސްކޫލަށް ވާގިވެރިވާ ބަޔަކަށް ފިޔަވަޅުއެޅުމަށް ވެސް، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާގެ މި ޓްވީޓުގައި ގޮވާލަށްވާފައި ވެއެވެ.
https://twitter.com/Roxeyna/status/1337525110874329088?s=20
އައްޑޫ ފްލައިންގ ސްކޫލްގައި ތަމްރީނު ފުރިހަމަކުރަމުން ގެންދާ ދިވެހި ދަރިވަރުންގެ ޔޫނިއަންގެ ނަމުގައި ހިންގޭ ޓްވިޓަރ އަތްގަނޑަކުން ރައީސް ޞާލިޙާއި ނައިބުރައީސް ފައިޞަލް ޓެގްކޮށް ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ދަރިވަރުންގެ މުސްތަޤުބަލާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުން ތިބީ މިހިނދު ގޮތް ހުސްވެފައި ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެކަމުގެ ސަބަބަކީ، ފްލައިން ސްކޫލަށް ދައްކަށްޖެހޭ ކޯސްފީގެ އަގަކީ 49103 އެމެރިކާ ޑޮލަރުކަމަށް ވާއިރު، ހަޔަރ އެޑިޔުކޭޝަނުން ދޫކުރާ ލޯނު ދޫކުރަނީ ބޭންކްރޭޓުން ދިވެހި ރުފިޔާއިން ކަމަށްވުމެވެ. އަދި ދިވެހި ރުފިޔާއިން ކޯސްފީ ދައްކާ ނަމަ 19.40 ރ ގެ ރޭޓުން ފައިސާދެއްކުމަށް ފްލައިން ސްކޫލުން އަންގަމުންދާތީވެ، ކޮންމެ ދަރިވަރެއްގެ އަމިއްލަ ޖީބުން 175000 ރުފިޔާއަށްވުރެ އިތުރަށް ދައްކަންޖެހިފައި ވާކަމަށްވެސް ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުން ހާމަކޮށް ކޮށްފައިވާ މި ޓްވީޓްގައި ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު "ހުއްޓުމަކަށް" އައުމުގެ ކުރިންވެސް ތާށިކަން ކުރިމަތިވާން ފެށި ޑޮލަރުގެ އަގު ކަޅުބާޒާރުގައި މިހިނދު ހުރީ 19 ރުފިޔާއަށްވުރެ މަތީގައިކަން ފާހަގަކޮށްލެވެއެވެ. ޑޮލަރުގެ އަގުމައްޗަށް ދިއުމަކީ އެކަމުގެ ސީދާ ގެއްލުން މުޅި ޤައުމުގެ އިޤްތިޞާދާއި ރައްޔިތުންގެ ދުވަހުންދުވަހުގެ ދިރިއުޅުމަށްވެސް އިންތިހާއަށް ނޭދެވޭ އަސަރުކުރުވާނެ ކަމެއްކަމަށް އިޤްތިޞާދީ މާހިރުންނާއި ވިޔަފާރިވެރިން ފާހަގަކުރެއެވެ.