"ސަލަފީ" ފުލުހުން މާފުށީގެ ހޯޓާތައް ފާސްކޮށް "ޒީނަތްތެރިކުރަން" ގެންގުޅޭ ތަކެތި ގެންގޮސްފިކަމަށް، ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު ފަރާތެއްކަމުގައިވާ ޢާދިލް ސަލީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރުކަމާއި އިކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން މިފްކޯގެ އެމްޑީކަންވެސް ކުރަށްވާފައިވާ ޢާދިލް ސަލީމް މިފަދައިން ވިދާޅުވެފައި މިވަނީ، ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން މާފުށީގެ ހޮޓަލެއްގެ ބޭރުގައި ބަހައްޓާފައި ހުރި "މޭރީ ޓްރީ" އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.
"ސަލަފީ ފުލުހުން މާފުށީގެ ހޯޓާތައް ފާސްކޮށް ޒީނަތްތެރިކުރަން ގެންގުޅޭ ތަކެތި ގެންގޮސްފި. ކްރިސްމަސް ފާހަގަކުރުމަށާއި ނިއު އިޔަރ ފާހަގަކުރުމަށް ޒީނަތްތެރިކުރުމަކީ މިހިނދުން ފެށިގެން މަނާކަމެއްކަމަށް ފުލުހުން ދެކެނީ. ރައީސް ޞާލިޙް! ޤައުމު މިދަނީ ކޮންދިމާލަކަށް؟"
ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދާއި އަދި ޓޫރިޒަމް މިނިސްޓަރު މަޢުޞޫމުވެސް ޓެގްކުރަށްވައި، ޢާދިލް ސަލީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ޢާދިލް ސަލީމުގެ މި ޓްވީޓަށް ތާޢީދުކުރަށްވައި، ރައީސް ނަޝީދުކަމަށް ޤަބޫލުކުރެވޭ "އެލްކްސް އަޙްމަދު" ވިދާޅުވެފައި ވަނީ، މުޅި ރާއްޖޭގެ ހުރިހާ ދިވެހިންގެ ޢާންމު ޙާލަތު ގުޅިފައި ހުރީ ޓޫރިސްޓް ވިޔަފާރިއާ ކަމަށާއި، ފުލުހުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިސްޓް ވިޔަފާރިއަށް ގެއްލުން ވެގެން ނުވާނެ ކަމަށެވެ.
Mulhi Raajeyge hurihaa Dhivehinge aanmu haalathu gulhifai huree tourist viyafaari aai. Fulhun alhaa fiyavalhu thakuge sababun tourist viyafaari ah gehlun vegen nuvaane.
— Alex Ahmed (@anedhivehirajje) December 18, 2020
ރާއްޖޭގައި މިހާރުވެސް ޢަމަލުކުރެވެމުންދާ ޤާނޫނު ނަމްބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގައި؛ ދައުލަތުގެ ބޭނުމަކު މެނުވީ ގެނައުން މަނާ ތަކެއްޗާއި، ރާއްޖެއަށް ގެނައުން މުޅިން މަނާތަކެއްޗާއި އަދި ޚާއްޞަ ހުއްދައެއް ލިބިގެންނޫނީ ގެނައުން މަނާތަކެތި ހިމެނެއެވެ. ދައުލަތުގެ ބޭނުމަކު މެނުވީ ގެނައުން މަނާ ތަކެތީގެ ތެރޭގައި، ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ހިމެނޭއިރު، ބަނގުރަލާއި އޫރުމަސް ހިމެނެނީ، ޚާއްޞަ ހުއްދައެއް ލިބިގެންނޫނީ ގެނައުން މަނާތަކެތީގެ ތެރޭގައެވެ.
ރާއްޖެއަށް ގެނައުން މުޅިން މަނާތަކެތީގެ ގޮތުގައި އެ ޤާނޫނުން ކަނޑައަޅާފައިވާ ތަކެތީގެ ތެރޭގައި، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަފޮތާއި މަޖައްލާ އަދި ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅައިފައި ހުންނަ ޓޭޕާއި ޑިސްކެޓްފަދަ ތަކެއްޗާއި، އަދި އިސްލާމް ދީނަށް އިހާނާތްތެރިކޮށް ހިތޭފަދަ އެންމެހައި ތަކެތި ހިމެނެއެވެ.
އެފަދަ އެއްވެސް އެއްޗެއް، އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ ހުއްދައެއްގެ މަތިން ޢިލްމީ ބޭނުމަކަށް މެނުވީ، ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ދިނުމާއި އަދި ފެތުރުމަކީވެސް، އަމިއްލަ ފަރާތެއް ކިޔެއްތަ ސަރުކާރުގެ މުއައްސަސާއަކަށްވެސް ޤާނޫނީ ގޮތުން ހުއްދަލިބިގެންވާ ކަންކަމެއް ނޫންމެއެވެ.
އަދި، އެފަދަ އެއްވެސް އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފި ނުވަތަ ދިވެހިރާއްޖޭގައި އުފައްދައިފި ނުވަތަ އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ވިއްކައިފި ނުވަތަ ފަތުރައިފި މީހެއްގެ އަދަބަކީ، 3 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުންކަންވެސް ފާހަގަ ކޮއްލެވެއެވެ.