އުމުރު ދެބައިވީ އިރުވެސް އަހުމަދު އިބްރާހީމު ހުރީ ހުސްހަށިބަޔަށެވެ. މީހަކާ އިނދެގެން ދިރިއުޅުން ކުރިއަށް ގެންދެވޭވަރުގެ އާމްދަނީއެއް ނުލިބޭތީއެވެ. އޭނާ އާހަރަށް ކުރާ އެންމެ ބޮޑު އުންމީދަކީ މީހަކާއިނުމެވެ. އެއީ އޭނާ ފްލެޓަށް އެދި ލީ ފޯމުގެ މާކްސް 90 އަށް އަރާކަމަށް މިހާތަނަށް އާންމުކުރި ލިސްޓުން ކަށަވަރުވެފައިވާތީ، އަންނަ އަހަރު އެ ފްލެޓް ލިބޭނެ ކަމަށް ކުރެވޭ އުންމީދު ބޮޑުކަމުންނެވެ.
މަރިޔަމް ޝިފާނާގެ އުންމީދަކީ އޭނާގެ ވަޒީފާ އަމިއްލަ ރަށަށް ބަދަލުވުމެވެ. މިހާރު އޭނާ ވަޒީފާ އަދާކުރަނީ މާލޭގެ ސަރުކާރު ސުކޫލެއްގައެވެ. ޓީޗަރަކަށެވެ. ރަށު ސްކޫލުގައި ޖާގަ ނެތިގެންނެވެ. އޭނާގެ އާހަރުގެ ހުރިހާވެސް އުންމީދަކީ އުފަންރަށުގައި، މައިންބަފައިން ގާތުގައި ވަޒީފާ އަދާކުރުމެވެ.
މިފަހަރު މުޅިން ތަފާތު ވާހަކައެކެވެ. އުމުރުން 22 އަހަރުގެ ޔޫސުފް އަނަސް ބޭނުންވަނީ ރޭސްޖަހާނެ ސައިކަލެކެވެ. އާ އަހަރުގެ ހުރީހާ އުންމީދެއްވެސް ގުޅިފައިވަނީ އެ ސައިކަލާއެވެ. އެހެން އެއްވެސް ކަމެއް އޭނަ ބޭނުމެއް ނުވެއެވެ.
ސިވިލް ސާވަންޓެއްކަމަށްވާ އަލީ ޝަމީމު ބުނީ އޭނާ ބޭނުންވަނީ ސިވިލް ސާވަންޓުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތަކެއް ހަމަޖެހިގެން ދިއުމެވެ. އަދި ވެރިކަން ބަދަލުވެ، ވެރިން ބަދަލުވެގެންދާއިރު، ސިވިލްސާވަންޓުންނަށް ކުރިމަތިވާ ސިޔާސީ ޕްރެޝަރުތަކުން ސަލާމަތްވާނެ ރައްކާތެރި މާހައުލެއް ބިނާވެގެން ދިއުމެވެ.
މިފަހަރު ޑައިވަރެކެވެ. އޭނާ ބޭނުންވަނީ ދިވެހި ޑައިވަރުންނަށް ޚާއްސަކޮށްގެން ސަރުކާރުން ޕްރޮގްރާމްތަކެއް ހިންގުމާއެކު އެމީހުންނަށް ވަޒީފާތައް ހޯދައިދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ގައުމީ ފެންވަރުގައި ކޮށްދިނުމެވެ.
"ރާޅާ އަޅާ ކުދިންނަށް އެބަ އަޅާލާ. އެވެސް އޯކޭ. އަހަރެން އެދެނީ ޑައިވަރުންނަށް ވެސް އިސްކަން ދިނުން. މިއީ ވަރަށް މުހިއްމު ފަންނެއް،" އޭނާ އިތުރަށް ބުންޏެވެ.
ސުވާލުކު ރެވުނު ބައެއް މީހުން ބޭނުންވަނީ މިހާރުގެ ސަރުކާރުން ވައުދުވި ގޮތަށް ކޮރަޕްޝަނާ ދެކޮޅަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރުމެވެ.
"އަހަރެން އާއަހަރަށް ކުރާ އެންމެ ބޮޑު އުންމީދަކީ މިސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ވިވަޢުދުތަކާ އެއްގޮތަށް އަމަލުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އެޅިގެންދިއުން،" އިއްތިހާދުގެ ކެމްޕޭނުގައި އަވަދިނެތި އުޅުނު ޒުވާނާގެ ޝުއޫރު ފާޅުކުރިއެވެ.
"އާއަހަރާއެކު ސަރުކާރުން ރައްޔިތުންގެ އަޑު ގާތުން އަހައި ރައްޔިތުން ރުހޭ ގޮތަށް ޚިދުމަތްތައް ބައްޓަންކޮށްދިނުމަކީވެސް ވަރަށް މުހިއްމު އުންމީދެއް."
ބޮޑުކަންނެލީގެ ޖަމިއްޔާގެ މެންބަރަކު އިރުވަރު ނޫހަށް ވާހަކަ ދައްކަމުން ބުނީ 2020 ގައި ހޭދަކުރި ދަތިގޮތްތަކުން އަރައިގަތުމަށް ސަރުކާރުން މަސްވެރިކަމުގެ އިންޑަސްޓްރީގެ ވާދަވެރިކަން ފުޅާކޮށް މަސްވެރިންނަށް ހަގީގީ މަންފާ ހޯދައިދިނުމަށް އާއަހަރު ހެޔޮހިތުން މަސައްކަތްތަކެއް ސަރުކާރުން ކޮށްދިނުމަކީ އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އަދި އެންމެ އެދޭ ކަންތަކެވެ.
އާހަރާ ގައުމުކުރިމަތިލާއިރު އެކި މީހުންގެ އުންމީދުތައް ގުޅިފައިވާ އެކި ކަންކަމާއެކު މައިގަނޑު ގިނަ ކަންކަން އަމާޒުވަނީ ސަރުކާރަށެވެ. އެމީހުންގެ އާއަހަރުގެ އުންމީދުތައް ހާސިލުވާން އޮތީ ސަރުކާރުން އަމަލުކުރާ ގޮތަކުންނެވެ.