މާފަންނު އެކުވެނީގައި ބޭނުންކުރެވެމުން އައި ދުވަސްވީ ދުވާޓްރެކް ޒަމާނީ ސިންތެޓިކް ޓްރެކަކަށް ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީ އާއި އެތްލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓް ނިންމާލައިފިއެވެ.
"އެތްލީޓުންގެ އިތުރުން ޢާންމުންވެސް ދެކެމުން އައި މި ހުވަފެން ހަގީގަތަކަށް ވެދިއުމަށް ވެދެއްވި އެހީތެރިކަމަށްޓަކައި ރައީސް ޞާލިޙަށާއި އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ޝުކުރުއަދާކުރަން. އެންމެހައި ފަރާތްތަކަށް އައު އަހަރުގެ ތަހުނިޔާ އަރިސްކުރަން"
އެކުވެނީގައި އަލަށް ތަރައްޤީކުރެވުނު މި ޓްރެކްގެ ފޮޓޯތައްވެސް ހިމަނުއްވައި ޔޫތު މިނިސްޓަރު މަޙްލޫފް މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
އަމިއްލަ ކުންފުންޏެއްކަމަށްވާ އާރ.ކޭ.އެލް އިން އެކުންފުނީގެ އިޖްތިމާޢި ޒިންމާ މަޝްރޫއެއްގެ ގޮތުގައި ޓްރެކްގެ ބިންގަނޑު ހަމަކޮށް ހަރުކުރުމުގެ މަސައްކަތް ހިލޭ ކޮށްދެއްވާފައި ވާތީވެ، މިނިސްޓަރު މަޙްލޫފްގެ މިޓްވީޓުގައި އެކުންފުންޏަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައި ވެއެވެ.
އަދިހަމަ، ޔޫތު މިނިސްޓްރީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތްވެސް ފާހަގަކުރަށްވައި އެފަރާތްތަކަށް ޝުކުރުއަދާކުރަށްވާފައި ވާއިރު، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ކްރިކެޓް އެސޯސިއޭޝަން ގެ އިތުރުން އެމް.އާރ.ޑީ.ސީ އާއި ފެނަކައާއި އެޗް.ޑީ.ސީ. އަށްވެސް މިނިސްޓަރ ޝުކުރު އަދާކުރަށްވާފައި ވޭމެއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މިހިނދު ނިމިފައި މިވާ އެކުވެނި ޓްރެކް ދާދިއަވަހަށް ރަސްމީކޮށް ހުޅުވި، ޢާންމު ބޭނުންތަކަށްވެސް ހުޅުވާލެވޭނެކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލު ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.
One Response
ލިއުންތައްލިއުއްވާ