Ad
ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް

ދީނީ ނަޒަރަކުން އިންޝުއަރެންސް/ތަކާފުލް (3 ވަނަބައި)

އިންޝުއަރެންސްގެ ޙުކުމް

އިންޝުއަރެންސްގެ މައްސަލައަކީ ފަހުގެ ޒަމާނެއްގައި އުފެދިގެންއައި މުޢާމަލާތެއް ކަމަށްވުމުން މިއީ ރަސޫލު ﷲ (ﷺ)ގެ ޒަމާނުގައި އޮތް ކަމެއް ނޫނެވެ. އަދި ޚުލަފާއުއް ރާޝިދޫން ޒަމާނުގައި ވެސް އަދި ފިޤުހީ ހަތަރު މަޛްހަބު އުފެދިގެން އައި ޒަމާނުގައި ވެސް އޮތް ކަމެއް ނޫނެވެ. އަދި މިއީ އިސްލާމީ ޝަރުޢީ އެކި ބައިތަކަށް ނަޒަރު ހިންގާއިރު، ނިސްބަތުން ފަހުގެ ޒަމާނެއްގައި އުފެދިފައިވާ ކަމެކެވެ.

ތައުމީން ނުވަތަ އިންޝުއަރެންސްގެ އަޤުދާއި ގުޅޭގޮތުން ޢިލްމުވެރިންގެ ވަރަށް ގިނަ ރައުޔުތަކެއް އައިސްފައިވެއެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި މިއަޤުދަކީ އެއްކޮށް  ޙާރަމް އަޤުދެއް ކަމަށްވީ ހިނދު، މިއާއި ދިމާ އިދިކޮޅަށް އިންޝުއަރެންސްގެ ހުރިހާ ބާވަތެއްގެ އަޤުދަކީ ޙަލާލް އަޤުދުތަކެއްކަމަށް ބައެއް ޢިލްމުވެރިން ވަނީ ވަތިވާދެއްވާފައެވެ. ބައެއް ޢިލްމުވެރިން އިންޝުއަރެންސްގެ އެކިބައިތައް ތަފްޞީލުކޮށް އޭގެ މައްޗަށް ޙުކުމް ކުރިއިރު،  ބައެއް ފަތުވާތަކަކީ، އަސްލު ސީދާ އިންޝުއަރެންސްގެ ގުޅޭ ގޮތުން އައިސްފައިވާ ފަތުވާތަކެއްކަމަށް ބެލެވޭނެ އެއްވެސް ޖާގައެއްނެތެވެ. މިފަދަ ގިނަ ފަތުވާތަކަކީ އެއީ ފަތުވާ ދިން މީހުންނަށް، ތައުމީނުގެ ޢަޤުދަކީ އެއީ މުޟާރަބާ ޢަޤުދަކާއި އެއްފަދަ އެއްޗަކަށް ހަދައި އެފަދަ އަސާސްތަކަކަށް ބިނާކޮށް ނެރެފައިވާ ފަތުވާތަކެކެވެ. ހަމަ މިއާއެކު، ބައެއް ފަތުވާތައްވެފައިވަނީ، ސުވާލު ކުރެވުނު ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ކަމަކީ ޟަރޫރީ ބޭނުމަކަށްވުމުން، ހަމައެކަނި އެ ޙާލަތަށް ނެރުނު ފަތުވާތަކެއްކަމަށެވެ. ވީމާ މި އެކި ތަފާތު ރައުޔުތަކާއި ފަތުވާތަކުގައިވާ ކަންތައްތައް ސާފުކޮށް، އެފަތުވާ ނެރުނު ވަގުތަކާއި އޭގެ ވަށައިގެންވާ ކަންތަކަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

"ސީދާ ތައުމީން ނުވަތަ އިންޝުއަރެންސްގެ މައުޟޫއަށް ވާހަކަ ދެއްކި ފުރަތަމަ މުސްލިމް ޢިލްމުވެރިއަކީ 19 ވަނަ ޤަރުނުގެ ޙަނަފީ މަޒުހަބުގެ ވަކީލެއްކަމުގައިވާ އިބްނު ޢާބިދީން (1784-1836) އެވެ.

އިބްނު ޢާބިދީންގެ ނަޒަރުގައި، މިޒަމާނުގައި މިހިނގާ އިންޝުއަރެންސްގެ ޢަޤުދަކީ ކަނޑައެޅިގެން ބާޠިލް އެއްޗެކެވެ. ނަމަވެސް އެ ޢަޤުދު ކުރެވުނީ ޣައިރު މުސްލިމުންގެ ރަށެއްގައި ކަމަށް ވަންޏާ، ހަލާކުވި އެއްޗެހީގެ ބަދަލު ކާފިރު މީހާ ރުހޭ ކަމަށް ވާނަމަ އަތުލެވިދާނެއެވެ. އެއީ ކޮންމެހެން ޢަޤުދު ޞައްޙަ ޢަޤުދަކަށް ނުވިކަމުގައިވިޔަސް ކާފިރުންގެ ރަށެއްގައި ކުރެވޭ ފާސިދު ޢަޤުދަކުން، ކާފިރެއްގެ މުދާ އަތުލުން އެއީ ޙަނަފީ މަޛްހަބު ހުއްދަކުރާ ކަމެއް ކަމަށްވާތީއެވެ. ނަމަވެސް ވިސްނާލަންޖެހޭނެ ކަމަކީ ޙަނަފީ މަޛްހަބުގެ ބައެއް ރައުޔުތަކުގައި ކާފިރުންގެ ބިމުގައި އެ މީހުންގެ ރުހުމާއެކު ރިބާ މުޢާމަލާތްކުރުން ހުއްދަކުރިނަމަވެސް، ޙަނަފީ މަޛްހަބުގެ ޖުމްހޫރު ޢިލްމުވެރިންނާއި އެހެން މަޛްހަބުތަކުގެ ހުރިހާ ޢިލްމުވެރިންގެ ބަހުން ބާޠިލު ރައުޔެއްކަމެވެ.

މުޙައްމަދު ބުޚައިތު އަލްމުޠީޢީ، 1906މ ގައި، އޭނާ ލިޔުއްވި "އަޙްކާމުއް ސޫކްރާ" އޭ ކިޔުނު ފޮތުގައި ވިދާޅުވެފައި ވަނީ، އަމާންކުރުމުގެ ޢަޤުދަކީ ފާސިދު ޢަޤުދެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، އޭގައި ހިމެނޭ "ޣަރަރް" އާ "ނުރައްކާ" އެވެ. އަދި ޖުވާކުޅުމުގެ މާނަ އޭގައި ހިމެނޭތީއެވެ. ކީރިތި ޤުރުއާނުގެ سورة البقرة ގެ 275 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ﴾  މާނައީ: "ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ".

ކީރިތި ޤުރުއާނުގެ  سورة البقرةގެ 219 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا﴾ .

މާނައީ " ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ".

1961 ގައި އަހްރާމް އިޤްތިޞާދީ ނޫހުން، އަމާންކުރުމާއި ބޮންޑާއި ބެހޭ ގޮތުން، ހަތަރު ޢިލްމުވެރިއަކަށް ސުވާލު ހުށައަޅައި، އަބޫ ޒަހްރާ، މުޙައްމަދު އަލްމަދަނީ، މުޙައްމަދު ޔޫސުފް މޫސާ، އަދި އަޙްމަދު އައްޝިރްބާޞީ އަށް ފެނިވަޑައިގަންނަވާ ގޮތް، "ޙަލާލްތަ ނުވަތަ ޙަރާމްތަ" މި ސުރުޚީގެ ދަށުން ހާމަކުރިއެވެ. ޝައިޚް މުޙައްމަދު އަލްމަދަނީ އަށް ފެނިވަޑައިގަތީ، އެއީ އެކަކު ފަރުދީ ގޮތުން ފަތުވާދީގެން ޙުކުމް ނެރުމުގެ ބަދަލުގައި، ކަމަށް ޚާއްޞަ ޢިލްމުވެރިންނާއި އިޤްތިޞާދީ ތަޖުރިބާކާރުން އެއްވެގެން ފަތުވާނެރެން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެހާތަނަށް، އެއީ ޙަރާމް ކަމެއްކަމަށް ޢިލްމުވެރިން ވެވަޑައިގެންފައިވާ އިއްތިފާޤާ ޚިލާފުވެވޭނީ އެ ގޮތުގެ މަތިން ކަމަށެވެ (އިސްމާޢީލް ނާޖީ، 2008).

މި ޒަމާނުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ހުރިހާ ފިޤުހީ މަޖްމަޢްތަކުން ދެކޭ ގޮތުގައި، ކޮމާޝަލް އިންޝުއަރެންސް ޚިދުމަތަކީ، އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ކޯޕަރޭޓިވް އިންޝްއަރެންސް އެއީ ހުއްދަ ކަމެކެވެ. ކޮމާޝަލް ނުވަތަ ކޮންވެންޝަނަލް އިންޝުއަރެންސް ޙަރާމް ކަމަށް ސުޢޫދިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖުލިހުން 4/4/1397 ހ ގައި ޤަރާރު ނަމްބަރު 15 ނެރެފައިވެއެވެ. އަދި ރާބިޠަތުލް ޢާލަމުލް އިސްލާމީއަށް ތަބާވާ މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފުރަތަމަ ދައުރުގެ ބައްދަލުވުމުން، 1398ހ ގައި ޤަރާރެއް ނެރެފައިވެއެވެ. އަދި މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ މަޖްމަޢުލް ފިޤްހީ އަލްއިސްލާމީ، 1406ހ ގައި ނެރުނު ޤަރާރު ނަމްބަރު 6ގައި، ވިޔަފާރި އަމާންކުރުން ޙަރާމް ކަމަށް ބުނެފައިވެއެވެ. އަދި ހުއްދަ ކަމަށް ބުނާ މީހުންގެ ބަހަށް ޢިލްމީ ރައްދު ދީފައިވެސް ވެއެވެ.

ވިޔަފާރީގެ ގޮތުން ކުރެވޭ އިންޝުއަރެންސް ޙަރާމްވާ މައިގަނޑު ސަބަބުތަކަކީ އެ މުޢާމަލާތެއްގައި ޣަރަރު ( ގޮތަނޭގޭ ކަންތައްތައް)، މައިސިރު  (ޖުވާ)، އަދި ރިބާ ހިމެނޭނަމައެވެ.

*ނުނިމޭ*

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *