Ad
ރައީސް ޔާމީން އަދި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު-: ފޮޓޯ: ރައީސް އޮފީސް 
ރައީސް ޔާމީން އަދި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު-: ފޮޓޯ: ރައީސް އޮފީސް 

މިއަދުވެސް ޕީޕީއެމާއި ޕީއެންސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދީބު: ރައީސް ޔާމީން

މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމާއި ޕީޕީއެންސީ އަށް މިއަދުވެސް އޮތް އެންމެ ބޮޑު ހަގީގީ ގޮންޖެހުމަކީ އެމަނިކުފާނު ޤަބޫލުކުރަށްވާ ގޮތުގައި ހަމަ އަދީބުކަމަށް އެ ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިހާރު ޖަލުގައި ހުންނެވި ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ، އެމަނިކުފާނުގެ މައްޗަށް ދަޢުވާ އުފުލިފައިވާ މަނީ ލޯންޑަރިންގެ އިތުރު މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމަށްފަހުގައި ދިފާޢީ ވަކީލުންނާއެކު ދެއްކެވި ވާހަކަތަކެއްގައެވެ.

"އަދި މިއަދުވެސް ތިމަން މަނިކުފާނު ގަބޫލުކުރަށްވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަގީގަތުގައި އަދީބޭ. އަދީބު ދޫކޮށްފަ އަމީން އެވެނިއުގަ ބަހައްޓާފަ އެހުރީ ސީދާ ޕީޕީއެމް ޕީއެންސީ ހަލާކުކޮށްލުމަށްޓަކައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި. އަދި އެއީ އެމަނިކުފާނަށް ވަރަށް އަސަރުކުރަށްވާ ކަމެއްކަމަށް" 

ރައީސް ޔާމީން ވިދާޅުވި މިވާހަކަތައް ހާމަކުރަށްވައި، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވުނު ޝަރީޢަތަށް ފަހުގައި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ އިންތިޚާބީ ނާއިބު ރައީސް އަދި މިހާރު އެމަނިކުފާނުގެ ދިފާޢި ވަކީލު ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށައެޅިފައިވާ އިތުރު ދެދަޢުވާ އިއްވުމަށް އެކޯޓުގައި އިއްޔެ ބޭއްވުނު ޝަރީޢަތުގެ މަޖްލީހަށް ފަހުގައި، އެމަނިކުފާނުގެ ދިފާޢީ ވަކީލުންނާ ވާހަކަދައްކަވަން ފެއްޓެވުމުގައި، ހަގީގަތުގައި އެމަނިކުފާނާ މެދު އެހާ އަނިޔާވެރިވީ ކީއްވެތޯ އައްސަވައި ރައީސް ޔާމީން ސުވާލުކުރެއްވި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އަދީބުގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާއެއްގެ ތެރެއިން އޭރުގެ ކެބިނެޓް މިނިސްޓަރުން-: ފޮޓޯ: ސޯޝަލް މީޑިއާ

"މިކަން ތިމަންނައަށް ކުރިމަތި މިވީ މި އަދީބުގެ ސަބަބުންނޭ. އަދީބުގެ ފަހަތަށް، އަދީބުގެ ހެއްލުންތެރިކަމަށް ހަމަ ވަރަށް ގިނަބަޔަކު ގޮސްގެން"

ރައީސް ޔާމީން ޝަރީޢަތަށް ފަހުގައި އަސަރާއެކު ދެއްކެވި ވާހަކަތައް ހިއްސާކުރަށްވަމުން އެމަނިކުފާނުގެ ދިފާޢި ވަކީލް ޑރ. ޖަމީލް، ރައީސް ޔާމީން ވިދާޅުވިކަމަށް ބަޔާންކޮށް ހާމަކުރަށްވާފައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި ދިމާވި ކަންތައްތަކާއި އަދި ރިޔާސީ އިންތިޚާބުވެސް އެމަނިކުފާނަށް ނާކާމިޔާބުވެގެން ދިއުމުގެ އިތުރުން ވެރިކަމަށް ފަހުގައި ޖަލަށް ވަޑައިގަންނަވަން ޖެހުނު ސަބަބާ ބެހޭގޮތުން ޑރ. ޖަމީލްވެސް އިއްޔެގެ ނޫސް ކޮންފަރެންސްފައި ވާހަކަދައްކަވާފައި ވެއެވެ.

"ކިތެންމެ ބިރެއް (އަދީބު) ދެއްކިކަމުގައި ވީނަމަވެސް އަޅުގަނޑުމެން މިއަދުވެސް ސާބިތުކޮށްދީފިން. 2013 ގައި އައި ވެރިކަން ޚަރާބުވެގެން ދިޔައީ ހެއްލިގެކަން. އެނގޭތޯ ޕާޓީތެރެއަށާއި އަދި އެކި ދިމާލަށް އައިސްސަ، ހަމަ މި އަޅުގަނޑުމެން މައްޗަށް އައި ހަމަ މުސީބާތެއްގެ ގޮތުގައި ހަގީގަތުގައި އަދީބުގެ ފަރާތުން އައި ކަންތައްތެކެއް ސަބަބުން ގޮސްސަ މުޅި އެމަނިކުފާނު (ރައީސް ޔާމީން) ގެ ވެރިކަން ނިމިގެން ގޮސްސަ ރައީސް ޔާމީން މިއަދު އެ ތަހައްމަލުކުރަނީ." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަން ހަލާކުކޮށްލުމުގެ ޤާބިލުކަން މިހިނދުވެސް އަދީބަށް ލިބިގެންވާކަން ޚުދު ރައީސް ޔާމީންވެސް އަދިވެސް ޤަބޫލުކުރަށްވާނަމަ، އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުގައި އަދީބުގެ އަތުމަތިން "ކައިގެން" އުޅެ ބޮޑުވި "ފެމުނު" ތައް އަދިވެސް ޕީޕީއެމް ޕީއެންސީ ލީޑަރޝިޕްގައި ނުވަތަ އިސް މަޤާމުތަކުގައި ތިއްބެވިކަމަށް އެ ބުނެވެނީކީ ނޫންހެއްޔޭ ޢާންމު މެންބަރުން ހިއްތާއި ހިތާ ކިޔާނެކަން ކަށަވަރެވެ.

އަދީބުގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާއެއްގެ ތެރެއިން އޭރުގެ ކެބިނެޓް މިނިސްޓަރުންނާއި އަދި މަޖްލިސް މެމްބަރުން-: ފޮޓޯ: ސޯޝަލް މީޑިއާ

ނިމިދިޔަ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ "އޭޓީއެމް"، އަދި ޚުދު ރައީސް ޔާމީންވެސް "ޚާލިދު ބިން ވަލީދު" ފަދައިން އޭރު ސިފަކުރަށްވާފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނުގެ ވެރިކަން ހަލާކުކޮށްލުމަށް ރައީސް ނަޝީދު އެޅުއްވި "ފަންޏެއް" ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ދާދިފަހުން އިޢުތިރާފްވެސް ވެވަޑައިގެންފައި ވީނަމަވެސް، މިހިނދު "ބްރޯ" ކަން ކެނޑި "ޓަގް ކްރޫ" އެއްގެ މަޤާމުވެސް ލިބިގެން ނުދިޔަ ކުރީގެ ނައިބު ރައީސް އަދީބަށް، އިދިކޮޅުގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީ ހަލާކުކޮށްލުމަށް އެޅުވޭ "ފަންޏެއް" އަކަށް ވެވޭނަމަ، ޕީޕީއެމް ޕީއެންސީއަކީ ސިޔާސީ ޕާޓީއަކަށްވުރެ ބޮޑަށް ވިޔަފާރި ކުންފުންޏަކާ ގާތް ކުރާކަމަށް ބުނުމަކުން "ހައްގު މިންވަރު" ން ނެއްޓިގެން ނުދާނެ ނޫންހެއްޔެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އަސްލު ޕީޕީއެމް.ޕީއެންސީ އަށް އޮތް އެންމެ ބޮޑު މަސްއަލަ އަކީ އަދީބު ހިތާވެގެން އުޅުނު ފާތުމަ..މިއީ ސަމާސާ ވާހަކައެއް ނޫން.ޙަޤީޤަތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *