Ad
ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ކުރިއަށްގެންދިޔަ އިޙްތިޖާޖެއްގެ ތެރެއިން-: ފޮޓޯ: ސޯޝަލް މީޑިއާ
ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް މާލޭގައި ކުރިއަށްގެންދިޔަ އިޙްތިޖާޖެއްގެ ތެރެއިން-: ފޮޓޯ: ސޯޝަލް މީޑިއާ

"ރޭޕް" ރޭޕަކަށް ވާނީ ރޭޕް "ރޭޕް" އަކަށް ހެދީމައެވެ.

ހަޤީޤީ ރޭޕަކީ ނުވަތަ ޤާނޫނުގައި ކަނޑައަޅާފައިވާ "ރޭޕް" އަކީ ކޮބާކަމެއް ޢާންމު ރައްޔިތުންނަށް ފުރިހަމައަށް ސާފު ނުވިނަމަވެސް، "ރޭޕް" މިބަހުގެ ކުރިޔަށް "ސަފާރީ" އައިސްފިނަމަ އެކިޔެނީ ކީކޭކަން ނޭނގޭ އިންސިއަކު މިޤައުމުގައި، ހިނގެނިފުރައިންވެސް ނުހުންނާނެކަން ކަށަވަރެވެ.

ނޫސްވެރިންގެ ބަހުރުވައިންނަމަ "ސަފާރީ ރޭޕް" އަދި ސިޔާސީ ފަރާތްތަކުގެ ބަސްމަގުންނަމަ "ރޯޔަލް ރޭޕް" އޭ ކިޔުނު މި "ކުޑަ ކަންތައް" ގެ ވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ.

ޚުދު ދާޚިލީ ވަޒީރުވެސް ލައިވް ޓީވީއަށް އަރާވަޑައިގެން "ސަފާރީ ރޭޕް" އޭ ކިޔުނު ހާދިސާގައި ހިނގާދިޔަ ކަންކަމަކީ، ތޮއްޖެހިފައި މި އޮތް ފުރަމާލޭގެ މަގެއްގެ މަތީގައިވެސް މީހަކު ކޮށްލާ ޒާތުގެ "ސިމްޕަލް" ކަމެއްކަމަށް ޢާންމުންނަށް ދޭހަވާނެ ބީދައިން ވާހަކަދައްކަވާފައި ވުމުން، އެ ހާދިޘާގެ ވާހަކަ އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތްތާއެވެ.

އަދިހަމަ، އިންސާނީ ޙައްޤުތަކާބެހޭ ވަރުވަރުގެ "މެޑަލް" މޭމަތީގައި ޖައްސަވައިގެން އެޙައްޤު ހިމާޔަތްކުރެއްވުމުގެ ބައިނަލް އަޤްވާމީ ޓްރެކް ރެކޯޑެއް އޮތް މުޤައްރިރާ އަކު ރައްޔިތުންގެ މަޖްލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރަކަށް އިންނަވާ ހިނދުއާއި، އެކޮމިޓީއިންވެސް "ސަފާރީ ރޭޕް" ގެ މައްސަލަ ފައިޞަލާކުރަށްވާފައި ވާއިރު، ނޫސްވެރިން ދެން އިތުރަށް އެވާހަކަ ދައްކާނަމަ އެވާނީ "ފިތުނަ" އުފައްދައި "ހޭޓް ސްޕީޗް" ފެތުރުމަށް ތާއެވެ. އެފަދަ ކަމެއްކުރާކަށް މަށަކުވާ އަމުދުން ނެތީމެވެ.

އެހެންނަމަވެސް، ދާދިފަހުން މީޑިއާއަކުން ފެންމަތިކޮށްލި "ރޭޕް" ގެ އެހެން ހާދިސާއެއްގެ ވާހަކަ މިހިނދު ނުހަނު ފަތުއަޑުކިޔައި އިންތިހާ ބާރަށް ފެތުރެމުންދާއިރު "ހަނު" ތިބެވިއްޖެނަ "ޒީރޯ ޓޮލަރެންސް" ނުދެވެނީކަމަށް އަމިއްލަ ނަފްސަށްވެސް ހީވާން ފެށުމުން ޤަލަމުގެ "ދޯރި" ނައްޓާލެވުނީއެވެ. މާފްކުރާށެވެ.

ރިސޯޓެއްގައި މަސައްކަތް ކުރަމުން ގެންދިޔަ އިސް މުވައްޒަފައްކަމުގައިވާ އިންޑިއާގެ ފިރިހެނަކު އެރިސޯޓުގައި މަސައްކަތް ކުރަމުން ގެންދިޔަ ދިވެހި ޒުވާން އަންހެން ކުއްޖަކު "ރޭޕް" ކުރިކަމަށް ބުނެވޭ ހާދިސާއެއްގެ ޚަބަރު އޮން ލައިން މީޑިއާއަކުން "ތިލަ" ކޮށްލީ މީގެ ހަފްތާއެއްހައި ދުވަސްކުރިން، މިދިޔަ އާދީއްތަ ދުވަހުގައެވެ. އެދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުންގެ މީޑިއާ ގްރޫޕްގައި އެހާދިސާއާ ބެހޭގޮތުން މީޑިއާއަކުން ސުވާލުކުރުމުން، ދެ މިނެޓްގެ ތެރޭގައި ފުލުހުންގެ މީޑިއާ އޮފިޝަލް ޖަވާބުދެއްވިއެވެ.

"އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައެއް ނުވޭ". ފުލުހުންގެ މީޑިއާ އޮފިޝަލް އާދީއްތަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ އެޖަވާބަށް ގަޑިއެއްހާއިރު ފަހުން، އަނެއްކާވެސް މީޑިއާއަކުން އެމައްސަލައާ ގުޅިގެން އިތުރު ސުވާލެއް ފުލުހުންނާ ކުރިމަތި ކުރުވިއެވެ. "މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ވޭތޯ؟ ތުހުމަތުކުރެވޭ މީހާ ފުރުވާލައިފިކަމަށް އެބަ މައުލޫމާތު ލިބޭ…ކޮބާތޯ ފުލުހުންގެ ކޮމެންޓަކީ؟". މީޑިއާއަކުން ފާއިތުވެދިޔަ އާދީއްތަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުންނާ ސުވާލުކޮށްފައި ވެއެވެ.

"އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައެއް ނުވޭ. ނަމަވެސް ބައެއް މީޑިއާއިން އެފަދަ ކަމެއް ރިޕޯޓުކޮށްފައި ވާތީ އެމަޢުލޫމާތުގެ ސައްޙަކަން ފުލުހުން ކަށަވަރުކުރަން ފުލުހުން ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން". ރޭޕްގެ އެމައްސަލަ ހުށައެޅިފައިވޭތޯ ފުލުހުންނާ ކުރެވުނު އެންމެފުރަތަމަ ސުވާލުގެ ޖަވާބު ތަކުރާރުކޮށް އަދި ތަފްޞީލުކޮށްދެއްވަމުން މީޑިއާ އޮފިޝަލް، ޖެހިގެން އައި ދުވަހު، ފާއިތުވެދިޔަ ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވިދާޅުވެފައި ވެއެވެ.

މި ރޭޕްގެ މައްސަލާގައި މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި "ތާއްޔާ" ޖެހި ފުލުހުން ތިއްބެވިތަން ހަފްތާއެއްވާން ދަނިކޮށް، އިއްޔެގެ ހަވީރުގެ ވަގުތެއްގައި މީޑިއާއަކުން އަނެއްކާވެސް "ކޮއްޓާ" ލިއެވެ. "އިންޑިޔާ މީހަކު 19 އަހަރުގެ ދިވެހި ޒުވާނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށައިފިތޯ؟ މީގެ ކުރިން ފުލުހުން ވިދާޅުވީ އެ ހަބަރުގެ ސައްހަ ކަން ބަލަމުން ގެންދާ ކަމަށް." ފުލުހުންގެ މީޑިއާ ގްރޫޕްގައި ސުވާލުކުރެވުނެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އެސުވާލަށް ޖަވާބުދެއްވީ ރޭގެ "މެދުދަން" ގެ ވަގުތެއްގައެވެ.

"ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަ ކުރަމެވެ. ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެ އަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުންނެވެ. މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ. އަދި މިމައްސަލައާގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ދިވެހިރާއްޖެއިން ފުރާފައެވެ.". ފުލުހުންގެ މީޑިއާ އޮފިޝަލް ދެއްވި ޖަވާބުގެ ޢިބާރާތުގެ ނައްޞުގައި ވެއެވެ.

ހިނދުކޮޅެއްގެ ތެރޭގައި، މީޑިއާތަކުން އަޅާލި ފަލަ ސުރުޚީތައް އިންޓަރނެޓްގައި ފަތުއަޑުކިޔާ ފެތުރެން ފެށިއެވެ. "ރޭޕެއް ނޫން. ގަދަކަމުން އަތްލަން އުޅުނީ: ފުލުހުން"، "ރޭޕަކަށް ވަނީ ނުހިނގޭ ވަރުކޮށްލީމަތޯ؟: ޒާހިދު ރަމީޒް" މިފަދަ ތަފާތު ސުރުޚީތަކެވެ.

ސިޔާސީ އޮއިވަރުގައި ހައްޤުނޫން ބަދުނާމެއްކޮށް، "ލައިކް" ކޮޅެއް ހޯދާލުމުގެ މަޤްޞަދުގައި "ލޯތަށް ހުއްޓޭނެ" ސުރުޚީއެއް އަޅާލުމުގެ ބަދަލުގައި، ހަޤީޤަތައް ވާޞިލުވުމަށް "ހައްޤުމިންވަރު" ދެވޭތޯ ބަލަމާ ހިނގާށެވެ. "ރޯޔަލް" ވެ "އިމިއުން" ވެގެން ދިއުމާއި ނުވަތަ ސިޔާސީ ކޮށް މަޖާކޮށް ހެދުމަށްވުރެވެސް މާ ޙައްސާސް މައްސަލައެއް ނޫންހެއްޔެވެ.

ދުނިޔޭގެ "ތަހުޒީބު" ބައެއް މުޖުތަމަޢުތަކުގައި ކޮންމެ 3 މިނެޓަކާއި 10 މިނެޓަކާ ދެމެދުގެ ވަގުތެއްގައި އުޚްތަކު ރޭޕްކުރެވި ޢިއްފަތްތެރިކަން ފޭރިގަނެވޭ ކަމީ ހަމަ އެއުރެންގެ ތަފާސް ހިސާބެވެ. އެފަދަ މުޖުތަމަޢުތަކުގައި ކިތަންމެ އޮފްދާރު ބޯޑަކުން "ޑިމޮކްރެސީ" ނުވަތަ "އިންސާނީ ޙައްޤު" ގެ ނަންފިލާގަނޑު ހަރުކުރެވިފައި ވީނަމަވެސް، އެއުރެންގެވެސް ހެޔޮވިސްނޭ ބުއްދީގެ އަހުލުވެރިން ލޮލުންކަމަށް ނޯށުން ރޯމުންދެއެވެ. އަމިއްލަ އަނބިމީހާ، ޖެހިގެން ހުންނަ ކަންމަތީ ފިހާރަޔަށް ނުކުމެލާހިނދު ގޭންގް ރޭޕްގެ ޝިކާރައަކަށް ވެދާނެތީއެވެ. އަންހެން ދަރިފުޅު އިންޓާރން ޝިޕަކަށް ފޮނުވައިފި ނަމަ "ބޮހުން" ގެ ރޭޕްގެ ޝިކާރައަކަށް އެދަރިފުޅު ވެދާނެތީއެވެ.

އެއަށްވުރެވެސް އަދި މާކައިރިއަށް ބަލަމާހެއްޔެވެ. އަވައްޓެރި އިންޑިއަކީ ރޭޕް ގެ "ހާއްޔެއް" އޭ ބުނެވެނީ ބުނަންވެގެންނެވެ. ޖަހައިގެން އޮންނަ ނެޕީއަށް ކުޑަކުމުދިއުމަކީ އާދަކަމުގައިވާ މަޢުޞޫމު ތުއްތު ކުދިންވެސް ރޭޕްގެ ޝިކާރައަކަށް ވަމުންދިއުމަކީ އެއުރެންނަށް އަޖައިބު އަންތަރީސް ކަމަކަށް ނުވާވަރަށް އެޤައުމުގައި ރޭޕް ޢާންމުވެއްޖެއެވެ.

ކުއްތާ ވަޅުގައި ބާއްވާފައި ނަޖިސްފިލުވަން ފެންނަގާ ބަޔަކަށް ނުވަމާހެއްޔެވެ. ނުވަތަ ހިކިފަސްތާ ބަކަތަޅާ ބަޔަކަށް ނުވަމާހެއްޔެވެ. "ޒީރޯ ޓޮލެރަންސް" އަކީ ހަމައެކަނި ބުނެލެވޭ ބަހަކަށް ނުވަތަ ލިޔެވޭ ޢިބާރާތަކަށް ވާނަމަ، އެ "ޒީރޯ" އާއެކު އެއްޒީރޯ އިތުރުކުރެވިގެން އަދި ވާއަތް ފަރާތަށް އެކެއްވެސް ޖަހާލެވިގެން، ކަމުން "ޓޮލަރެންސް" ދެވެނީކަން ކަށަވަރެވެ.

ޖިންސީ އެދުމާއި އެދުންވެރިކަމަކީ އިންސާނާގެ ފިޠުރަތުގައި ލެއްވިގެންވާ ޣަރީޒާއެކެވެ. އެ އެދުންވެރިކަން ޤުދުރަތުން ލައްވާފައިވަނީ، ހަމައެއް ލަމައެއް ނުވަތަ މިންތަކެއްވެސް ނެތިއެއްނޫނެވެ. ޖިންސީ ކުށްތަކާ ގުޅިގެން މުޅި ޢާންމު މަސްލަޙަތު ޙިމާޔަތްކުރުމުގެ ބޭނުމުގައި، ތަޢުޒީރީ ގޮތެއްގައި (ޙާކިމާއަށް ލިބިގެންވާ ބާރުގެ ދަށުން) ހަމަތަކާއި އުޞޫލުތައް ތަފްޞީލީ ގޮތެއްގައި ޤާނޫނަކުން ކަނޑައެޅި ބަޔާންކުރެވިގެން އެކަންކަމަށް ޢަމަލުކުރެވެން 13 މެއި 2014 ވަނަ ދުވަހުގައި ފެށުމުގެ އެތައް ސަތޭކަ އަހަރުތަކެއް ކުރިންވެސް، ޖިންސީ ކުށުގެ ނުރައްކާތެރިކަމާއި އެކަމުގެ އެކަށޭނަ ފަރުވާވެސް އިޖުމާލީ ގޮތެއްގައި ބަޔާންކޮށްދިނުމުގައިވެސް އަޅުގަނޑުމެންގެ ދީން، އިސްލާމް ދީން މިވަނީ ކުރިހޯދާފައެވެ.

އަލް އިސްރާ ސޫރަތުގެ 17 ވަނަ އާޔަތުގައިވާ، މާތް ﷲ ގެ ވަޙީބަސްފުޅުޅާމެދު އެއިލާހު ދެއްވި ބުއްދީގެ ނިޢުމަތުގެ ބޭނުން ހިފައިގެން ވިސްނާލަމާހެއްޔެވެ. މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. ﴿ وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾    މާނައީ؛ (އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެން ވެއެވެ.)

މާތް ﷲ ގެ މިވަޙީ ބަސްފުޅާމެދު ބުއްދި ފިރުކާލާ ވިސްނާލެވިއްޖެނަމަ، ޖިންސީ ގޯނާ ނުވަތަ ރޭޕްގެ ޖަރީމާތައް މުޖުތަމަޢުތަކުގައި އަށަގަންނަމުންދާ ހަޤީޤީ ސަބަބު ސިކުނޑިއަށް ތަޞައްވުރެއް ވެގެން ދާނެކަން ކަށަވަރެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި، "ނުކުރާށޭ" ގެ ބަދަލުގައި "ގާތްނުވާށޭ" ވަޙީކުރަށްވައި އަމުރުކުރަށްވާފައި ވުމުން އެނގި ހާމަވެގެންދަނީ، ގާތްވެވިއްޖެނަމަ ނުކުރަން ހުއްޓަސް ކުރެވިދާނެ ކަމެއްކަމުގައެވެ. އަދި އެކަން ކުރެވިއްޖެނަމަ އެކަމަކީ ހުތުރުކަން ބޮޑުވެސްމެ ފާފައެއްކަމުގައެވެ. އަދި އެކަމަކީ މަގެއްގެ ގޮތުގައި ނުވަތަ ޢާދައެއްގެ ގޮތުގައި ހަދައިފިނަމަ، އިންތިހާއަށް ނުބައިކަން ބޮޑުވެސްމެ ކަމެއްކަމަށެވެ.

މާތް ﷲ ގެ ވަޙީބަސްފުޅެއްގެ އަކުރެއް ނުވަތަ ފިއްޔެއްގެ މިންވަރުވެސް ދޮގުނުވާނެކަން ކަށަވަރެވެ. އިންސާނީ ފިޠުރަތުގައި އެދުންތައް ޤުދުރަތުން ލެއްވުމަށްފަހުގައި އެ އެދުންތަކާއި ޣަރީޒާތަށް ފުއްދުމަށްވެސް މިންތަކާއި އިންތަކާއި ހަމަތައް ކަނޑައަޅުއްވައި، އެނޫންގޮތަކަށް އެކަންކަން ކުރުމަށް މަގުކޮށޭނަމަ ނުކުމެދާނެ އެންމެހައި ކަންކަމުގެ ނަތީޖާވެސް ބަޔާންކޮށްދެއްވުމާއެކު އެކަމަށް ދެއްވާފައިވާ އިންޒާރުތަކަށް، ބެލުމެއްނެތި، އެކަންކަމަކީ "ބޯދާ" ޚިޔާލުތަކެއްކަމަށް ސިފަކޮށްގެން ކަންކަން ކުރަމުންގެންދާ ފަރާތްތަކުން، ތިމާގެ ޙަލާލު އަނބިމީހާ ހުއްޓައިވެސް ތިމާގެ އުފަން ތުއްތު ދަރިފުޅު ފެނުނަސް އެދުންވެރިކަން ފުއްދާލަން ބޭނުންވާ ދަރަޖައަށް އިންސާނާ ގެންދަނީ، އިސްވެ ބަޔާންވެދިޔަ އިލާހީ އިންތަކާއި މިންތަކުގެ މައްޗަށް އިންސާނާގެ "އުނި" ބުއްދި އިސްކުރެވޭތީކަން ޤަބޫލުކުރަން ވެއްޖެ ނޫންހެއްޔެވެ. ޝަރީޢަތުގެ ވާހަގަ މާ ދިގުނުކޮށް ޤާނޫނުގައި އޮތްއެއްޗެއްވެސް ބަލާލަމާ ހިގާނށެވެ.

މީގެ ހަތްވަރަކަށް އަހަރު ކުރިން، 13 މެއި 2014 ގައި ޢަމަލުކުރެވެން ފެށުނު ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) އަކީ، ރޭޕްގެ ޖަރީމާއަށް "ޒީރޯ ޓޮލަރެންސް" ދެވިގެން ހެދިފައިވާ ޤާނޫނެކެވެ. ރޭޕްގެ ޖަރީމާއަށް ވާޞިލުވެދާނެފަދަ އެންމެހައި ދޮރުތައްވެސް، އަހަރުތަކެއްގެ ޖަލު ޙުކުމުގެ ޢުޤޫބާތުގެ ބިރު ދައްކައިގެން ނަމަހީވެސް، ބަންދުކޮށްފައި ބެހެއްޓުމުގެ މަޤްޞަދުގައި މުޅި ޤާނޫނު ފަރުމާކުރެވިފައި ވާކަން، އެޤާނޫނަށް ރަނގަޅަށް ބަލައިފިނަމަ އެނގިގެން ދާނެއެވެ. ޚުދު ތިމާގެ އަނބިމީހާއާ މެދުވެސް، އިސްލާމް ދީނުގައިވެސް ނަޞީބެއްދެވިގެންނުވާ އަނިޔާވެރިކަން އިސްކޮށް ޢަމަލުކޮށްގެން "ޖަނަވާރުން" ނެކޭ އެއްބީދައިން ޖިންސީ އެދުން ފުއްދައިފިނަމަ، ތަޢުޒީރީ އަދަބުތައް ކަނޑައެޅިގެންދާ ގޮތަށް އެ ޤާނޫނުގައި "ރޭޕް" މާނަކުރެވިގެންވެއެވެ. އަދި، މީހެއްގެ ޖިންސީ ގުނަވަނަކަށް ނިޞްބަތްކޮށް، ނިޔަތަކާއެކު ނުވަތަ ނިޔަތަކާއި ނުލައި ނަމަވެސް، "ލަދުވެތި" ވައްތަރެއް ޖައްސާލުމަކީވެސް ކުށަކަށްވެގެންގޮސް، 7 އަހަރާ ހަމައަށް ޖަލުގޮޅި ޢުޤޫބާތެއްގެ ގޮތުން ކަނޑައެޅޭގޮތަށް އެޤާނޫނު ފަރުމާކުރެވިފައިވަނީ ބޭނުމެއްގައެވެ. އެބޭނުމަކީ، ރޭޕްގެ ޖަރީމާއިން މުޅި މުޖުތަމަޢުގެ ސަލާމަތްކަން އެންމެ މަތީ ފަންތިއަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައިކަމާމެދު ސުވާލެއް ނެތެވެ.

އަދިހަމަ، އެފަދަ މައްސަލަތައް ޝަރީޢަތަށް ސާބިތުކޮށް އަދަބު ކަނޑައެޅުމުގައިވެސް، އެހެނިހެން ކުށްކުށާއި ޚިލާފަށް، އިސްތިސްނާ ތަކެއް ކަނޑައެޅިގެން ވަނީވެސް، ރޭޕްގެ ޖަރީމާއަށް ކުޑަވެސް ފުރުޞަތެއް ލިބިގެން ދިޔަނުދެވި، ޢާންމު މަސްލަޙަތު ޙިމާޔަތްކުރުމުގެ އިސްތިސްނާއީ "ޟަރޫރީ" ޙާލަތެއްގެ ގޮތުގައެވެ.

ރޭޕް ނުވަތަ ޖިންސީ ގޯނާގެ ޖަރީމާތައް ޝަރީޢަތަށް ސާބިވުން ބިނާވާ "ކާފީ" ހެއްކަކަށް، އަނިޔާ ލިބުނުފަރާތުން ބުނާ "ބުނުން" އެކަނިމެ ފުދިދާނެފަދަ ގޮތަކަށްމެ، އެޤާނޫނުގައި ކުށް ސާބިތުކުރުމުގެ މިންގަނޑަށް ލުއިތައް ދެވިފައިވެއެވެ. ޝިކާރައަކަށްވީ ކުޑަކުއްޖެއްނަމަ، އެޖަރީމާ ޝަރީޢަތަށް ސާބިތުކޮށް އަދަބު ކަނޑައެޅިގެން ދިއުމަށް ތަފާތު 12 ބާވަތެއްގެ ހެއްކަކާއި، އަދި ބޮޑު މީހެއްނަމަ ތަފާތު 7 ބާވަތެއްގެ ހެކިތައް ޤާނޫނުގައި ބަޔާންކޮށްދީފައި ވަނީ، އަނިޔާ ލިބޭފަރާތުން ބުނާބުނުމަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތެއްގެ ގޮތުގައި ނުވަތަ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައެވެ.

ކުރުކޮށް ބުނަނީނަމަ، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ މައްސަލައެއްނަމަ، އެމައްސަލާގައި ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ލަސްތަކެއް ނުވެ މައްސަލައިގެ މިނިވަން އިންސާފުވެރި އަދި ޒިންމާދާރު ތަހުގީގެއް ފެށިގެން ކުރިއަށް ގެންދެވިއްޖެނަމަ، އެހާދިސާ ހިނގިކަން ކަށަވަރުކޮށްދޭނެ މާބޮޑު މާއްދީ ނުވަތަ އެ ހާދިސާ ހިނގިތަން ފެނުނުކަން ބުނާނެ އެއްވެސް ޝަފަހީ ހެއްކެއް ނެތްނަމަވެސް، އެމައްސަލަ ތަހުޤީޤަށް ކިޔެއްތަ، ޝަރީޢަތަށްވެސް ސާބިތުވާ މިންވަރަށް ހެކި ލިބުމަކީ، ޖިންސީ ކުށުގެ ޤާނޫނީ މަފްހޫމް މަޤްޞޫދުގައި ވިސްނާނަމަ، އެގޮތަށްވުން އިންތިހާއަށް ގާތްގޮތެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ ފޮނި މީރުކަން އުޚްތުންނަށް ކަށަވަރު ކޮށްދެވިގެން، ޖިންސީ ގޯނާއާއި ރޭޕް ފަދަ މުޑުދާރު ޖަރީމާތަކުން މުޖުތަމަޢު ރައްކާތެރިކޮށް، ޢާންމު މަސްލަޙަތު ދެމެހެއްޓިގެން ދާނެފަދަ ގޮތަކަށް އެޤާނޫނުގެ ބޭނުން ޒިންމާދާރު ގޮތެއްގައި އިޚްލާސްތެރި ނިޔަތަކާއެކު ހިފާން ނުވޭހެއްޔެވެ.

އެޤާނޫނަކީ، ތިމާގެ ޙަސަދަވެރިއެއް ނުވަތަ ވާދަވެރިއެއްގެ "ދުވަސް" ދުއްވާލުމަށް ބޭނުންކުރާ "ބެދޭ މަޅިއަކަށް" އެޤާނޫނު ނަހަދަމާހެއްޔެވެ. އަދި ހެދިޔަ ނުދެމާހެއްޔެވެ.

ރޭޕް ހާއްޔަކަށް މި މުޖުތަމަޢު ނުވަނީސް، ނުވަތަ ނަފްރަތާއި ހަސަދަވެރިކަމުގެ ހުޅު މުޖުތަމަޢުގައި ރޯނުވަނީސް،  ޤާނޫނީ ރޭޕް ނުވަތަ ޖިންސީ ގޯނާއެއް ނަމަ، "ފަޅާ" ނުލިނަމަވެސް ތަޖުރީމު ކުރާށެވެ. އަދި ވާޤިޢީ ރޭޕް އެއް ނުވަތަ ޖިންސީ ގޯނާއަކަށްވެސް ނުވަނީސް، "ފްރޭމްޑް" ރޭޕް އަކަށް ވެގެންދިޔަ ނުދެމާހެއްޔެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *