ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ދައުރުގެ ބާކީއޮތް ދުވަސްތަކުގައި ނިއުކްލިޔަރ ހަމަލާއެއް އެކްޓިވޭޓް ކުރުމުގެ ތަޅުދަނޑިތައް ނުވަތަ "ނޫކްސް-ކޯޑް" އަށް ވާޞިލުވުމުގެ ފުރުޞަތު ޓްރަމްޕަށް ނުދިނުމަށް ޕެންޓަގަންގެ އެންމެ އިސްވެރިޔާގެ ކިބައިން އެޤައުމުގެ ޤާނޫނުހަދާ މަޖްލީހުގެ ރައީސާ ނެންސީ ޕެލޯސީ ރަސްމީކޮށް އެދިވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ބައިޑެންގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޕެލޯސީ މިފަދައިން އެދިވަޑައިގެން ޢަސްކަރިއްޔާގެ ވެރިޔާ، ޖޮއިންޓް ޗީޕްސް ގެ ޗެއަރމަން ޖެނެރަލް މާރކްއަށް ފޮނުއްވި ސިޓީ ވަނީ މަޖްލިސް މެމްބަރުންނާ އިއްޔެ ހިއްސާކުރަށްވާފައެވެ.
"މައިތިރި ނުވާ ރައީސަކު ދޭން އުޅެފާނެ ޢަސްކަރީ ހަމަލާއަކާއި ނިއުކްލިޔަރ ހަމަލާއެއް އެކްޓިވޭޓް ކުރުމުގެ ކޯޑުތަކަށް އޭނާއަށް ވާޞިލުނުވެވޭނެ ގޮތްތައް ހެދުމަށް ޕެންޓަގަންގެ ވެރިޔާއާއެކު މަޝްވަރާ ކުރެވުނު"
ދައުރު ހަމަވުމުގެ ކުރިން މިހިނދުން މިހިނދަށް ރައީސް ޓްރަމްޕް މަޤާމުން އިސްތިޢުފާ ދެއްވުމަށާއި އަދި އެކަން ނުކުރަށްވައިފިނަމަ ހޯމަ ދުވަހު ބޭއްވޭ މަޖްލީހުގެ ޖަލްސާއަކުން، ރައީސް ކަމުގެ މަޤާމުން ޓްރަމްޕް ދުރުކުރަށްވާނެކަމުގެ އިންޒާރުވެސް ޓްރަމްޕަށް އިއްޔެގެ ވަގުތެއްގައި ދެއްވާފައިވާ، އެމެރިކާގެ ޤާނޫނުހަދާ މަޖްލީހުގެ ރައީސާ ނޭންސީ ޕެލޯސީ މަޖްލީހަށް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.
PELOSI: “This morning, I spoke to the Chairman of the Joint Chiefs of Staff Mark Milley to discuss available precautions for preventing an unstable president from initiating military hostilities or accessing the launch codes and ordering a nuclear strike.” pic.twitter.com/o7K5L25AkA
— Phil Mattingly (@Phil_Mattingly) January 8, 2021
"ނޫކްސް-ކޯޑްސް" ތަކަށް ވާޞިލުވުމުގެ ފުރުޞަރު ޓްރަމްޕަށް ހުއްޓުވުމަށް މަޖްލީހުގެ ރައީސާ ޕެލޯސީ ޢަސްކަރިއްޔާގެ ވެރިޔާގެ ކިބައިން އެދުނު ނަމަވެސް، އެމެރިކާގެ ނިއުކްލިޔަރ ސިސްޓަމްތައް ރޭވިފައި ހުންނަ ގޮތުންނާއި އަދި، އަދިވެސް އެޤައުމުގެ ކޮމާންޑަރ އިން ޗީފް ކަމުގައިވާ ރައީސް ޓްރަމްޕަކީ ނިއުކްލިޔަރ ހަމަލާއަކަށް އަމުރު ކުރެއްވުމުގެ ޤާނޫނީ ބާރުގެ އިތުރުން އެފަދަ ޙަމަލާއެއް ލޯންޗުކުރުމަށް ބޭނުންވާ ކޯޑުތައްވެސް ލިބިގެންވާ ހަމައެކަނި ފަރާތްކަންވެސް ފާހަގަކޮށްލެވެއެވެ.