Ad
ކުއްލިގޮތަކަށް މިދުނިޔެ ދޫކޮށްދިޔަ މަރްޙޫމް ފައުޒާން-: ފޮޓޯ: ފޭސްބުކް
ކުއްލިގޮތަކަށް މިދުނިޔެ ދޫކޮށްދިޔަ މަރްޙޫމް ފައުޒާން-: ފޮޓޯ: ފޭސްބުކް

ފައުޒާން "އެދިޔައީ" މުޅި އިންސާނިއްޔަތަށް ނަމޫނާއެއް ދައްކައިދީފައި: މިނިސްޓަރ ޝާހިދު

ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅި އިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ، ފުވައްމުލަކުގައި މޫދަށް އެރިގެން އުޅެނިކޮށް ގެނބުނު އެހެން ދެކުދިން ސަލަމާތްކުރަން އުޅުމުގެ ތެރޭގައި ގެނބުމުގެ ސަބަބުން މިދުނިޔެ ދޫކޮށް ދާންޖެހުނު ޢުމުރުން އެންމެ 17 އަހަރުގެ ފައުޒާންގެ ކުއްލި މަރާގުޅިގެން ތަޢުޒިޔާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

"މުޅި ފުއައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި."

ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮއްދެއްވުމަށާއި އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރަށްވައި، މިނިސްޓަރު ޝާހިދުކުރެއްވި މި ތަޢުޒިޔާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ފައުޒާންގެ ކުއްލި މަރަކީ ހަމައެކަނި ޢާއިލާ ނުވަތަ ފުވައްމުލައް ރޮއްވާލި މަރެއް ނޫންކަން ކަށަވަރެވެ. ފައުޒާން މިދުނިޔެ ދޫކޮށް އިއްޔަ ދިޔަވަގުތު ޢާއިލާ މީހުން ރޮއްވާލިއެވެ. އެއަށްފަހު، އެޚަބަރު ފުވައްމުލަކުން އިވުނު ކޮންމެ މީހަކު ރޮއްވާލިއެވެ. އަދި މިއަދު އިރުއަރައިގެން ދިޔައިރު، މުޅި މި ދިވެހި ޤައުމު ރޮއްވާލައިފިއެވެ.

މަޢުޞޫމް ފައުޒާންގެ ފޭސްބުކް އެކައުންޓުން މީގެ ދެދުވަހެއް ކުރިން ދޫކޮށްފައިވާ ޢިބުރަތްތެރި ޕޯސްޓަކާއި، މަރްޙޫމް މިދުނިޔެ ދޫކޮށް ދިއުމުގެ ސަބަބަކަށްވީ ހާދިޘާއިން، ފައުޒާންއަކީ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރަށްވެސް އެހެން މީހުންނަށް އެހީތެރިކަމާއި މަދަދުގާރުވުމަށް ފަސްނުޖެހުނު ދަރިއެއްކަން ސާބިތުކޮށްދީ މުޅި އިންސާނިއްޔަތަށް ނަމޫނާ ދައްކައިދީފައިވުމުންނެވެ.

ފައުޒާންގެ ކުއްލި މަރުގެ ޚަބަރު ހަމަ ޙަޤީޤަތުގައިވެސް މުޅި ރާއްޖެއިން އަހައިފިއެވެ. އަދި ފައުޒާންގެ ފަހުވަޞިއްޔަތް މުޅި ޤައުމުންމެ ފުރިހަމަކޮށް ދަމަހައްޓާނެކަން ކަށަވަރެވެ. މުޅި ޤައުމުވެސް މިވަނީ މަޢުޞޫމު ފައުޒާނަށް ހަމަ އެކަނި މަޢާފް ކޮށްފައެއް ނޫނެވެ. މިޤައުމަށްޓަކައި ފައުޒާންގެ ހިތްވަރާއި އޯގާތެރިކަމާއި ކުލުނަށް، މުޅި ދައުލަތް މިވަނީ ދަރާފައިކަން ކަށަވަރެވެ. އެދަރަނި ރައްޔިތުން އަދާކުރާނެވެސްމެއެވެ. ހެޔޮދުޢާއިންނެވެ.

މަޢުޞޫމް މަރުޙޫމް މަޝްހޫދް ފައުޒާންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *