Ad

ރައީސް ޔާމީންގެ މައްސަލާގައި ހައިކޯޓުން ޙުކުމް ކުރުން ފަސްކޮށްފި

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ޙުކުމް ކުރުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ފަސްކުރެވިފައިވާ ވާކަމަށް އެކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިޞަލް ހާމަކުރަށްވައިފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް މިދިޔަ ބުދަ ދުވަހު ހާމަކުރަށްވާފައިވާ ގޮތުގައި އެމައްސަލައިގެ ޙުކުމް ކުރުން، މިއަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރެވިފައިވެއެވެ. އެހެންނަމަވެސް ޙުކުމް ކުރުމަށް ދެދުވަހަށް ވެފައި ވަނިކޮށް ޙުކުމްކުރުން ކުއްލިގޮތަކަށް ފަސްކުރެވުނުކަން މިއަދު ހާމަކުރެއްވި ނަމަވެސް އެކަމުގެ ސަބަބެއް ހައިކޯޓުގެ މީޑިއާ އޮފިޝަލްގެ ޓްވީޓުގައި ހާމަކުރަށްވާފައި ނުވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލުނު މަނީލޯންޑްރިންގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލްކޯޓުން ކަނޑައަޅުއްވައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިޢުނާފުކުރެވުނު މައްސަލައިގައިވެސް ޙުކުމާ ހަމައަށް ގޮސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާތީވެ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން އިންތިހާއަށް ކަނބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެޙުކުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާކަމުގެ ތުހުމަތުތައްވެސް، ޚުދު އެކޯލިޝަންގެ އިސްވެރިންވެސް ކުރަށްވާފައިވެއެވެ.

ރައީސް ޔާމީނުގެ އިސްތިޢުނާފް މައްސަލައިގެ ޙުކުމްކުރުން ހައިކޯޓުން މިއަދު ފަސްކުރެއްވުމާއި ގުޅިގެން އެކޯލިޝަންގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި، ކްރިމިނަލް ކޯޓު ކޭސްހެން މާދަން ކުރުން އޮތް ޙުކުމް ލަސްކުރެއްވި ނަމަވެސް ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ޙުކުމަކަށް އުންމީދުކުރަށްވާ ކަމަށް ވިދާޅުވެފައި ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *