Ad
ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލަޙު ހުށައެޅުއްވި މެމްބަރު ޢަލީ ނިޔާޒް-: ފޮޓޯ: މަޖްލިސް
ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލަޙު ހުށައެޅުއްވި މެމްބަރު ޢަލީ ނިޔާޒް-: ފޮޓޯ: މަޖްލިސް

މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރެވުމުގެ ބޭނުމުގައި ބަނދެވިފައިވާ އަސާސީ މާއްދާއަކަށްވެސް އިސްލާޙެއް

ކައުންސިލް އިންތިޚާބަކީ، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 27 ވަނަ މާއްދާގެ (ނ) އިން ކަނޑައަޅާފައިވާ ކަނޑައެޅުންވެސް "އިޞްލާޙު" ކުރުން ހިމެނިގެން ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖްލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒު ހުށައެޅުއްވައިފިއެވެ.

ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ނ) ގައި މިހިނދު އޮތްގޮތުން، އެއްވެސް އިންތިޚާބަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމާއި އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމާ ދެމެދު އިތުރު ޤަވާޢިދެއް ނުހެދޭނެ ކަމާއި އަދި ޢަމަލުކުރަމުންދާ ގަވާއިދަކަށްވެސް އެއްވެސް އުނިއިތުރެއް ނުގެނެވޭނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.

އެހެންނަމަވެސް، މެމްބަރު ނިޔާޒު ހުށައެޅުއްވި އިޞްލާޙުގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގައި ބަޔާންކުރާ މުއްދަތުތަކަށް، ޚާއްޞަ ޤާނޫނުން ގެނެވޭ ބަދަލުތަކާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި ވެއެވެ. 

ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ހިނދެއްގައިވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީ، ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމުގެ މަޤްޞަދުގައި މެމްބަރު ނިޔާޒު ހުށައެޅުއްވި އިޞްލާޙުތަކުގެ ތެރޭގައި، ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމުގެ ކުރިންނާއި އަދި ފަހުންވެސް އިންތިޚާބުގެ ޞައްޙަކަން ކަށަވަރުކުރުމާ ގުޅޭގޮތުން ކުރެވޭ ކަންކަން ކުރުމަށް ލިއްބައިދީފައިވާ ޤާނޫނީ ޙައްޤުތަކާއި ގުޅިގެން ޢާންމު ޤާނޫނާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގައި ބަޔާންކުރާ މުއްދަތުތަކަށްވެސް ބަދަލުގެނައުމަށްވެސް ހުށައަޅުއްވާފައި ވެއެވެ.

އެގޮތުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 10 ވަނަ މާއްދާގެ ގިިނަ އަކުރުތަކަކަށް އިޞްލާޙު ހުށައަޅުއްވާފައިވެއެވެ. އެމާއްދާގެ (ށ) އިން ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ޕާޓީތަކަށާއި ކެނޑިޑޭޓުންނަށް ލިބިގެންދާ 10 ދުވަހުގެ މުއްދަތު 05 ދުވަހަށް އަދި އެމާއްދާގެ (ރ) އިން ޢާންމުންނަށް ލިބިގެންދާ 10 ދުވަހުގެ އެމުއްދަތު 05 ދުވަހަށް، ކުރުކޮށްފައިވެއެވެ. އަދި ވޯޓާރސް ލިސްޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅޭ ހުށައެޅުމަކާ ގުޅިގެން އެކޮމިޝަނުން ނިންމާ ނިންމުމެއް ހައިކޯޓަށް ހުށައެޅުމަށް މިހާރު ލިބޭ 5 ދުވަހުގެ މުއްދަތު 3 ދުވަހަށް ކުރުކުރުމަށްވެސް، ނިޔާޒުގެ އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

އަދިހަމަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން މިހާރު ލިއްބައިދީފައި އޮންނަ 14 ދުވަހުގެ މުއްދަތުވެސް 7 ދުވަހަށް ކުޑަކޮށްފައިވެއެވެ. ލޯކަލް ކައުންސިލްގެ އިންތިޚާބަކީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ އާދައިގެ ރައްޔިތު ކެނޑިޑޭޓުންނާ ސީދާ ގުޅިފައިވާ އިންތިޚާބަކަށްވާއިރު ހައިކޯޓަށް މައްސަލައެއް ކުރުމުއްދަތެއްގައި ހުށައަޅަންޖެހުމަކީ އެފަރާތްތަކަށް އިންތިހާއަށް ތަކްލީފު ބޮޑުކަމަކަށް ވެގެންދާނެ ނަމަވެސް މެއެވެ.

ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަކީ އިސްތިސްނާ ޙާލަތަކާއި ގުޅިގެން ހެދިފައިވާ ޚާއްޞަ ޤާނޫނެކެވެ. އަދި އެ ޤާނޫނުގެ މުޅި މަޤްޞަދަކީވެސް، ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށް، އެޙާލަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީވެ، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ސަބަބަން ޢާންމު ބަލިމަޑުކަމެއް އިތުރަށް ފެތުރިގެން ދިޔަ ނުދިނުންކަން އެޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވޭމެއެވެ.

ޚާއްޞަ ޙާލަތަކާއި ގުޅިގެން ހެދިފައިވާ ޚާއްޞަ ޤާނޫނަކުން، އެހެނިހެން ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންކަމަށް، ޚާއްޞަކޮށް އިންތިޚާބުތަކާއި ވޯޓާއި ގުޅުންހުރި އެންމެ އަސާސީ ޙައްޤުތައް، ކިތަންމެ ބޮޑު ސްޕަރ މެޖޯރިޓީއެއް އޮތްނަމަވެސް ހަމަ ހިތަށް އަރާހާ ބީދައިން ހިފެހެއްޓުމާއި ނުވަތަ ހަނިކުރުމަކީވެސް، ޤާނޫނު ދަންނަ ކަމެއް ނޫނެވެ. ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލާއިރު ދުސްތޫރީގޮތުން ކަނޑައެޅި ބަޔާންވެގެންވާ މަބާދިއުތަކާއި އުޞޫލުތަކާޢި ޚިލާފުކަމެއްވެސް މެއެވެ.

ވަކި ޚާއްޞަ ޚާލަތަކާ ގުޅިގެން "ޟަރޫރާތު" ނުވަތަ "ޕްރިންސިޕަލް އޮފް ނެސެސިޓީ" ގެ ދަށުން ކަނޑައެޅޭ ކަނޑައެޅުންތަކުން ޙައްޤުތައް ހަނިކޮށް އިލްތިޒާމްތަކުން ބަރީއަވެވޭނީވެސް އެ ޟަރޫރީ ޙާލަތަކަށް ފުދޭނެ މިންވަރަށް އެކަނި ކަމީވެސް، ޝަރުޢީ އަދި ޤާނޫނީގޮތުންވެސް އިސްތިޤްރާރުވެފައިވާ އަސާސީ ހަމައެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޚާއްޞަ ޤާނޫނަކުން ފަސްކުރެވިފައި ވާއިރު، އެ އިންތިޚާބުގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދެވޭ މުއްދަތު ކުރުކުރުމުން ކޮވިޑް-19 އަށް ފައްސިވުން މަދުވާނެހެއްޔެވެ. ނުވަތަ އިންތިޚާބު ނިމުމުން އެ އިންތިޚާބުގައި ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކަންކަން ކޮށްފައިވާތީވެ ޝަރުޢީ ކޯޓަށް ހުށައެޅުމަށް ދެވިފައި އޮންނަ އެކަށޭނަ މުއްދަތު ބައިކުޅަބަޔަށް ކުޑަކުރުމުން ފައްސި ޢަދަދު ދެގުނަ ދައްވާނެހެއްޔެވެ.

އާދޭހެވެ. އިންތިޚާބާގުޅިގެން ދެވޭ މުއްދަތުތައް ކުރުކުރުމަށް ބުނެވި ދެއްކޭ ބަހަނާއަކީ، އަވަހަށް އިންތިޚާބު ބޭއްވުމުގެ "ދަޅައެއް" އަށް ނުވާނެކޭ ނުމެ ނޫންމެއެވެ. އެހެންނަމަވެސް، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ކަންކުރުމުގެ "ޙުއްޖިއްޔަތު" ގައި ވެސް، ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައި ހުންނަ އެހެނިހެން ހަމަތަކާއި ޚިލާފަށް އަދި "ފްރީ އެންޑް ފެއަރ" އިލެކްޝަން އެއްކަން ކަށަވަރުކުރެވިގެން ނުދާނެ ބީދައިން ކަންކުރުމަށް މުއްދަތުގެ "ޙުއްޖިއްޔަތު" ނެގޭނަމަ އެކުރެވޭ ކަމަކީ، ކުއްތާ ވަޅުގައި ބާއްވާފައި ނަޖިސްފިލުވަން ފެންނެގޭ ބީދައިން ޤާނޫނާ އެއްގޮތް ކުރުމަށް ނޫނީ ނުމެވާނެކަން އަޅެފަހެ ކަށަވަރެއް ނޫންހެެއްޔެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *